އަފްޣާނިސްތާނުގައި ތިބި ނިއުޒިލޭންޑްގެ ހުރިހާ ސިފައިން އެ ގައުމުން ބޭލުމަށް ނިންމާފައިވާ ކަމަށް ނިއުޒިލެންޑްގެ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު ޖަސިންޑާ އާޑަން ވިދާޅުވީ އަފްޣާނިސްތާނުގައި ސުލްހަ ބެލެހެއްޓުމަށް ހަރަކާތްތެރިވާ ނޭޓޯ ސިފައިންގެ ފައުޖުގައި ހިމެނޭ ނިއުޒިލޭންޑްގެ ސިފައިންގެ ޑިޕްލޯއިމަންޓްގެ މުއްދަތު ނިންމަންޖެހޭ މުއްދަތު ޖެހިއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ އަފްޣާނިސްތާނުގެ ސުލްހަ ގާއިމްކުރުމަށް ކުރިއަށްދާ މުހިންމު މަސައްކަތްތަކުގައި ނިއުޒިލެންޑްގެ ސިފައިން އެކިގޮތްގޮތުން ހަރަކާތްތެރިވަމުންދާ ކަމަށާއި އަދި މިހާރު އަފްގާނިސްތާނުގެ ސަރުކާރުން އެ ގައުމުގެ ސުލްހަ ގާއިމްކުރުމަށް ކުރާ ގިނަ މަސައްކަތުގެ ނަތީޖާ ވެސް ރަނގަޅު ކަމަށެވެ.

އާޑަން ވިދާޅުވީ އަފްޣާނިސްތާނުގެ ހަރަކާތްތެރިވުމަށް ފޮނުވި އެ ގައުމުގެ ސިފައިންގެ ޑިޕްލޯއިމްންޓަކީ އަދި މިހާތަނަށް އެ ގައުމުގެ ސިފައިން ހަރަކާތްތެރިވި އެންމެ ދިގު ޑިޕްލޯއިމަންޓް ކަމަށާއި، މިކަމުގައި އެ ގައުމުގެ ސިފައިންގެ 10 މީހުން މަރުވެފައިވާ ކަމަށެވެ. އަދި ގާތްގަނޑަކަށް 3،500 އަށް ވުރެ ގިނަ ސިފައިން 2001 ވަނަ އަހަރުން ފެށިގެން އެކި ގޮތްގޮތަށް އަފްޣާނިސްތާނުގައި ހަރަކާތްތެރި ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޑަން ވިދާޅުވީ މި ދިގު މުއްދަތުގައި ސިފައިން ދެއްކެވި ނަމޫނާއަށް އަބަދުވެސް އެ ގައުމުގެ ސިފައިންނަށް ޝުކުރު ހައްގުވާނެ ކަމަށެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެން ސްޓޮލްޓެންބާގް މި ހަފްތާގައި ވިދާޅުވީ ނެޓޯ ފައުޖުގައި ހިމެނޭ ސިފައިން އެއްކޮށް އަފްޣާނިސްތާނުން ފައިބާނެ ދުވަހެއް ނޭނގޭ ކަމަށާއި ވަގުތު އައިސް ޖެހުމުން އެކަން ވެސް ވެގެންދާނެ ކަމަށެވެ.

އެމެރިކާއިން ވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުންނާއި ސުލްހައިގެ އެއްބަސްވުމެއްގައި މިދިޔަ އަހަރު ސޮއިކޮށްފަ އެވެ. އަދި އެއްބަސްވުމުގައި ވާގޮތުން އަފްޣާނިސްތާނުގައި ސުލްހަ ގާއިމްކޮށް ސުލްހަ ދެމެހެއްޓުމަށް ތާލިބާނުން މަސައްކަތްކުރާނަމަ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ހުރިހާ އެމެރިކާ ސިފައިން އެ ގައުމުން ފައިބާނެ އެވެ. ނަމަވެސް އަލަށް ހަވާލުވި ބައިޑެން ސަރުކާރުން ވަނީ މި އެއްބަސްވުމަށް އަމަލުކުރުމަށް ފަސްކޮށްފަ އެވެ.