މޯލްޑިވިއަން އިން އޭޓީއާރް މަރުކާގެ އާ ބޯޓެއް ގެނެސްފި އެވެ.
އެ ބޯޓު މިއަދު ހަވީރު 5:10 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ޖައްސައިފަ އެވެ. އޭޓީއާރް މަރުކާގެ އާ ބޯޓެއް މޯލްޑިވިއަނުން ގެނައުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި ލޯކަލް ގަވާނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ބައިވެރިވެވަޑައިގަތެވެ.
ރީޖަނަލް އެއާކްރާފްޓް އުފެއްދުމުގައި ދުުނިޔޭގައި އެންމެ މަގުބޫލު އޭޓީއާރްގެ މި ބޯޓުން 42 މީހުންނަށް އެއް ފަހަރާ ދަތުރު ކުރެވޭނެ އެވެ.
ފުރަތަމަ ފަހަރަށް މޯލްޑިވިއަނުން އެފަދަ ބޯޓެއް ގެނައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެފަހަރު ގެނައީ 72 މީހުންގެ ޖާގައިގެ ދެ ބޯޓެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޭޕްރީލް މަހު އޭޓީއާރްގެ 42 މީހުންގެ ޖާގައިގެ ބޯޓެއް ގެނަ އެވެ.
ބޯޓު ގެނައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، އެ ބޯޓާ އެކު އެ އެއާލައިނުގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އަޅުގަނޑުމެން ހަވާލުވި އިރުގައި މޯލްޑިވިއަނަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަށް ހައްލެއް ހޯދައިދީ މި އަހަރުގެ ފަހުކޮޅަށް ދާއިރު މޯލްޑިވިއަންގެ ފްލައިޓުތައް، ރާއްޖެއާ ދުރު ސަރަހައްދުގެ ބައްރުތަކަށް ތަންތަނަށް ވެސް އުދުހުން،" އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ރާއްޖެއިން ބޭރުގެ އެކި މަންޒިލްތަކަށް ދަތުރުކުރުމަށްޓަކައި ވައިޑް- ބޮޑީ ދެ އެއާކްރާފްޓް ގެނެސް އާ ހަތް މަންޒިލަކަަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ ބޯޑްތައް ގެނައުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭޓީއާރްގެ ސަބްސިޑަރީ ކުންފުނި، އީސްޓާން ސަޕޯޓުގެ މެނޭޖިން ޑިރެކްޓަރު އެލެކްޒެންޑްރޯ ލޫޒީ ވިދާޅުވީ، ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީގައި އެ ކުންފުންޏަށް ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ރާއްޖެ ގެނައި ބޯޓަކީ އެންމެ ޒަމާނީ އޭވިއޭޝަން ވަސީލަތްތައް ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަންއާ އެކު އޭޓީއާރުން މަސައްކަތް ފެށީ މީގެ ދެ އަހަރު ކުރިންނެވެ.
މޯލްޑިވިއަންގެ ފްލީޓްގައި މިހާރު ޖުމްލަ ބޭނުން ކުރަނީ 15 ބޯޓެވެ.