ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ހަމައެކަނި ދިވެހިންނަށް 13 ބިމެއް ވިއްކަން ހުޅުވާލައިފި އެވެ.

އެޗްޑީސީން ބުނީ ދިވެހިންނަށް ހާއްސަކޮށްގެން ދިރިއުޅުމުގެ ބޭނުމަށް ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑުންނެވެ. އެގޮތުން 1864 އަކަފޫޓާއި 2408 އަކަފޫޓާ ދެމެދުގެ 13 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ބިންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ދިވެހި އަމިއްލަ ފަރުދުންގެ އިތުރުން 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވެސް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެޗްޑީސީން ބުނީ ބިން ވިއްކުން ކުރިއަށްދާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ މަރުހަލާހަގައި އެކްސްޕްރެޝަން އޮފް އިންޓަރެޓްސް (އީއައިއޯ) ހުށަހަޅާއިރު ދެވަނަ މަރުހަލާގައި އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ބިންތައް ބިޑުކުރުން ކުރިއަށްދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައިވެސް ހުޅުމާލެ އިން ދެ ބުރެއްގެ މަތިން ބީލަމުގެ އުސޫލުން ބިން ވިއްކާފައިވެ އެވެ.

ދިރިއުޅުމުގެ ބޭނުމަށް ހަމައެކަނި ދިވެހިންނަށް ވިއްކާ ބިންތަކުގެ ބީލަން ފެށޭނީ އަކަފޫޓަކަށް 4000 ރުފިޔާގެ ރޭޓުން ކަމަށެވެ.