ނަރުހުންނަކީ ޚާއްސަ ތައުލީމަކާއި ތަމްރީނެއް ލިބިގެން ޑޮކްޓަރުގެ އިރުޝާދުގެ މަތިން ބަލިމީހާގެ ފަރުވާގެ އެންމެހައި މަރުހަލާތަކެއްގައި އެންމެ އެހީތެރިވާ ފަރާތެވެ. ބަލިމީހާ އެންމެ ބޭނުންވާ ވަގުތު އެންމެ ގާތުން ބަލަހައްޓާ މީހާ އެވެ. ބަލިމީހާގެ އެންމެ ގާތް، އެންމެ އޯގާތެރި އެކުވެރިޔާ އެވެ.
ނަރުހުންގެ މަގުސަދަކީ ލިޔެވިފައި ނެތަސް އޯގާތެރިކަމާ އެކު ވަރުބަލިކަމެއް ނެތި ބަލިމީހާއަށް ޚިދުމަތް ދިނުމުގައި ސާބިތުވެ ހުރުމެވެ. އަމިއްލަ ނަފްސާއި އާއިލާ އަށް ވުރެ ބަލިމީހާގެ ހިތްހަމަޖެހުމާއި އުފާވެރިކަން އޭނާ އަށް މުހިންމެވެ.
މ. ބީނާފުށި މަރިޔަމް ޝިފާ އަކީ ނަމޫނާ ނަރުހެކެވެ. އޯގާތެރި ހިތްހެޔޮ މިޒާޖެއްގެ ލިބިފައިވާ މީހެކެވެ. މޮޅު ހިންގުންތެރިއެކެވެ. ވަޒީފާ އަދާކުރާއިރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމުގައި އޭނާ ދެކެނީ ބަލިމީހަކަށް ޚިދުމަތްކުރުމަށް ފަހު އެ ބަލިމީހާގެ ފަރާތުން ލިބޭ ޝުކުރުގެ ބަސްތަކެވެ. ޚިދުމަތް ހޯދާ ފަރާތުން އުފާވެރި ހިނިތުންވެފައިވާ މޫނަކާއެކު ވަކިވުމަކީ އޭނާ އަށް ލިބޭ ކުރިއެރުމެއްކަމުގައި ދެކެ އެވެ. ނަރުހުންގެ އެންމެމަތީ ހަރުފަތާހަމައަށް އޭނާ ދިޔައީ ބުރަ މަސައްކަތާ އެކު އެތައް ގަދަ ކަނޑެއްގައި ދަތުރުކުރުމަށް ފަހު އެވެ. އެކަމަށް ބޭނުންވާ އިލްމާއި ގިނަ ތަޖުރިބާތަކަކަށް ފަހު އެވެ.
ނަރުސްކަމާ ގުޅުނީ އެކަމަށް އޮންނަ ޝައުގެއްގެ ބޮޑުކަމުން
ޝިފާ ބޮޑުވަމުން އައި މާހައުލަކީ އޭނާގެ މައިންބަފައިންގެ ފަރާތުން މީހުންނަށް އެހީތެރިވެ، އަޅާލާ އޯގާތެރިވާތަން ކޮންމެ ދުވަހަކު ހެން ފެންނަ މާހައުލެކެވެ. އެ ގޭގައި ކިޔަވަން ތިބޭ ކުދިންގެ ކަންކަން އަމިއްލަ ދަރިން ފަދައިން ބަލަހައްޓައިދެ އެވެ. ރަށްޓެހިންނާއި އަވަށްޓެރިންނާ ގާތްގުޅުން ބާއްވާ އެހީތެރިވެ އެވެ. ވެވުނު ވަރަކުން ބަލިމީހުންނަށް ވެސް އެހީތެރިކަމާއި އަޅާލުން ފޯރުކޮށްދީ ހެދި އެވެ. އެތަން ފެނި ޝިފާގެ ހިތުގައި ބަލިމީހުންނަށް ޚިދުމަތް ކުރުމުގެ ޝައުގުވެރިކަން އުފެދުނެވެ.
އަމީނިއްޔާ ސްކޫލުން އޯލެވެލް ނިންމުމަށް ފަހު އޭނާ ވިސްނީ ސިއްހީ ދާއިރާއިން ކުރިއަށް ދިއުމަށެވެ. އެގޮތުން 1995 ވަނަ އަހަރު އިންސްޓިޓިއުޓް އޮފް ހެލްސައިންސަން އިން ހިންގި ޑިޕްލޮމާ ކޯސް ފުރިހަމަކުރި އެވެ.
"އެ ކޯހުގައި އިންނަ އެކްސްޓާންޝިޕް (ރާއްޖެއިން ބޭރުގައި މަސައްކަތުގެ ތަޖުރިބާ ހޯދުން)ގެ ސަބަބުން ވިސްނުމަށް ވަރަށް ބޮޑެތި ބަދަލުތައް އައި. ތިން މަސްދުވަހުގެ ޓްރޭނިން ނިންމިއިރު ވަރަށް ގިނަ ލައިފްސްކިލްސް ދަސްވި،" ޝިފާ ކިޔައިދިނެވެ.
ކޯސް ނިންމުމަށް ފަހު ފުރަތަމަ ވެސް ވަޒީފާ އަދާކުރަން ޖެހުނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގަ އެވެ. ނަސީބު ދިމާކުރި ގޮތުން ޝިފާ ވީ އެތަނުގައި މަސައްކަތްކުރާ ހަމައެކަނި ދިވެހި ރެޖިސްޓާޑް ނަރުހަށެވެ. އޭގެ ސަބަބުން އޭނާ އަށް ހިންގުމުގެ ދާއިރާގެ އަމަލީ މަސައްކަތް ކުރަން މަގުފަހިވި އެވެ. ތަނަށް އާވެފައި، ބިޒީވި ނަމަވެސް، ޝިފާ ވިސްނީ އެއީ އޭނާއަށް ލީޑާޝިޕް ކުރިއަރުވަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.
"އޭރު އެތާންގެ އިސްވެރިން ކަމަށްވާ ޝަހުދާ، މައިމޫނާ އަދި އައިންތު ވަހީދާގެ ގައިޑެންސް އާއި ސަޕޯޓް (އެހީއާ އެއްބާރުލުން) ވަރަށް ބޮޑަށް ލިބުނުކަން ފާހަގަކުރަން. މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ރަނގަޅު އުސޫލުތައް އަޅުގަނޑަށް ދަސްކޮށްދެއްވީ އެބޭފުޅުން،" ޝިފާ ކިޔައިދިނެވެ.
ފުރަތަމަ މަގާމުގެ ކުރިއެރުން ލިބުނީ އިމެޖެންސީ ރޫމަގައި މަސައްކަތްކުރި ދުވަސްވަރެވެ. އެއީ ރެޖިސްޓާޑް ނަރުހަކުން ސީނިއާ ރެޖިސްޓާޑް ނަރުހަކަށް ބަދަލުވުމެވެ.
ދާއިރާއިން އިތުރަށް ކިޔެވީ ކުރިއަށް ދިއުމުގެ ވިސްނުން ހުރުމުން
ކޮންމެ ދާއިރާއެއްގައި އުޅުނު ނަމަވެސް، ކިޔެވުމަކީ ކުރިއެރުމަށް މުހިއްމު ކަމެކެވެ. ނަރުހުންނަކީ އަބަދުވެސް ސިއްހީ މައުލޫމާތު އުނގެނި، އާ ޓެކްނޮލޮޖީ އަށް އަހުލުވެރިވާން ޖެހޭ ބައެކެވެ. ސިއްހީ މައުލޫމާތު ފަތުރާ ހޭލުންތެރިކުރުމަކީ ނަރުހުން ކޮންމެ ދުވަހަކު ވެސް ކުރަންޖެހޭ ކަމެކެވެ. ބަލި މީހުންނަށް ޚިދުމަތް ކުރުމުގެ ތެރޭގަ އެވެ.
ޝިފާ މަސައްކަތުގަ އުޅެމުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން ޑިގްރީ ވެސް އަދި މާސްޓާސް ވެސް ފުރިހަމަކުރީ ނަރުސްކަމުގައި ކުރިއަށް ދިއުމަށް ބޭނުންވާތީ އެވެ. އެ ހިސާބުން އޭނާއަށް ވިސްނުނީ ނަރުހުންނަށް އިތުރު ކުރިއެރުމާއި މަންފާ ލިބިދެވޭނީ އޭނާ ހިންގުމުގެ ދާއިރާއަށް ބަދަލުވުމުން ކަމުގަ އެވެ. އެގޮތުން ފުރަތަމަ ވޯޑު މެނޭޖަރުކަށް ހަވާލު ކުރެވުނުއިރު ވެސް ނުރަސްމީކޮށް ވޯޑު މެނޭޖަރެއްގެ މަސައްކަތް ދިޔައީ ދަސްކުރަމުންނެވެ. އޭގެ ސަބަބުން އަލަށް ހަވާލުކުރެވުނު މަސައްކަތް އެތައް ތަނެއް ފަސޭހަވި އެވެ.
އެ މަގާމުގައި އުޅެމުން އެހެނިހެން ހިންގާ ކޮމެޓީތަކުގެ މަސައްކަތުގައި ވެސް އޭނާ ހިއްސާވެ އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްގެ އެނިވާސަރީ ކޮމެޓީ، ނާސަސް ޑޭގެ ކޮމިޓީތަކާއި އެޗްއާރްއެމްޑީ (ހިއުމަން ރިސޯސަސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް)، އަދި ނާސިން އެގްޒެކެޓިވް ކޮމެޓީ ހިމެނެ އެވެ. ޝިފާއަކީ މި ވަގުތު ނާސިން ކައުންސިލްގެ ވައިސްޗެއާ އެވެ.
ކޮވިޑްގެ ހިތި ދުވަސްތަކުން ލިބުނީ އިބުރަތެއް
ދެހާސް ނަވާރަ ވަނަ އަހަރު އެސިސްޓެންޓް ޑައިރެކްޓަރުގެ މަގާމު ލިބުމާ އެކު ދެން ފެށުނީ އޭނާގެ މުޅި ހަޔާތުގައި ވެސް ދިމާވި އެންމެ ޗެލެންޖިން ދުވަސްތަކެވެ. މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން ދިޔަ ވައިރަސް ކޮވިޑް-19، ރާއްޖޭގައި ފެތުރެން ފެށުމާއެކު، އެ ބިރުވެރި މާހައުލުގައި އާއިލާއާ ދުރުގައި ކޮވިޑް ފެސިލިޓީސް މެނޭޖްކުރަން އުޅެން ޖެހުނެވެ. އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރުގަދަވާން މަޖުބޫރުވި އެވެ.
"އަޅުގަނޑު އިސްކޮށް ހުރެ ކުރި މަސައްކަތުގެ ތެރޭގައި ރިސޯޓް ސެޓްއަޕްކުރުމާއި އިންސްޕެކްޓް ކުރުމުގައި ޓެކްނިކަލް ޓީމްއާ އެކީ މަސައްކަތް ކުރިން. ފަރުކޮޅު ފުށި، ހުޅުލޭ އައިލޭންޑް ހޮޓެލް، ފަދަ ހުރިހާ ކޮވިޑްގެ ބަލިމީހުންނަށް ފަރުވާދެވޭ ފެސިލިޓީސްތަކުގައި އިސްކޮށް އުޅުނިން. އަދި އެ ތަންތަނަށް ސްޓާފުން ހަމަޖައްސަދީ ތަކެތި ފޯރުކޮށްދިނިން،" ޝިފާ ވިދާޅުވި އެވެ.
އެންމެ ބޮޑު ކުރިއެރުން
ނަރުސްކަމާ ގުޅުނުތާ 25 އަހަރު ފަހުން މިއަދު އޭނާއަކީ ނަރުހުންގެ އެންމެ އިސް ވެރިޔާ އެވެ. އައިޖީއެމްއެޗްގެ ނާސިން ޑައިރެކްޓަ ޖެނެރަލް އެވެ. އޭނާގެ ދަށުން ދެ އެސިސްޓެންޓް ޑައިރެކްޓަރުންނާއި އާ ހަތަރު ޑައިރެކްޓާސް ތިބެ އެވެ.
"އަޅުގަނޑުގެ ދަށުން ތިބޭ ޑައިރެކްޓާސްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭތީ މިހާ ފުރިހަމަކޮށް އަދި އެހާމެ އޮމާންކޮށް މަސައްކަތް މިކުރެވެނީ. އެބޭފުޅުންގެ ތަޖުރިބާ އާއި ދުރުވިސްނުމުގެ އަލީގައި އެބޭފުޅާކާ ހަވާލުވެފައިވާ ވޯޑްތަކާ ސްޕެޝަލައިޒްޑް އޭރިއާ ވަރަށް ރަނގަޅަށް މޮނިޓާ ކުރައްވާނެ،" ޝިފާ ވިދާޅުވި އެވެ.
މަސައްކަތުގައި ދެމިހުރެވުމަކީ ވެސް ކުރިއެރުމެއް ކަމުގައި ޝިފާ ދެކެ އެވެ. ޑިއުޓީކުރަމުން ކުދިންގެ ކަންތަކާއި ގޭތެރޭގެ ކަންކަން ބެލެހެއްޓުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެން ނަމަވެސް އޭނާގެ މަސައްކަތުގައި ދެމިހުރުމުގައި އެހީތެރިވެދޭ ވަރަށް ޚާއްސަ ބައެއް އޭނާ ފާހަގަކުރި އެވެ.
"އަޅުގަނޑުގެ އާއިލާ އާއި ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ. ކޮންމެ ގަޑިއެއްގައި ޑިއުޓީ ކުރި ނަމަވެސް އެއްވެސް ޝަކުވާއެއް ނުކުރާނެ. ޝިފާގެ ކުރިއެރުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ މީހުން ފާހަގަކުރަމުން ވަރަށް އުފަލާއެކު ވިދާޅުވި އެވެ.
ނަރުހުންގެ ދާއިރާގެ ކުރިމަގާ ދޭތެރޭ ދެކޭ ގޮތް
ނަރުހުންނަށް ޚާއްސަވެވޭނެ ދާއިރާތައް މިއަދު ވަރަށް ގިނަކަން ޝިފާ ފާހަގަކުރެ އެވެ. އަދި މަސައްކަތުގައި އުޅެމުން ކިޔެވިދާނެ ކަމާއި ކުރިއަށް ދެވިދާނެކަން ޚުދު އޭނާ އެވަނީ ސާބިތުކޮށްދީފަ އެވެ.
ޝިފާ ވިދާޅުވާ ގޮތުގައި ރާއްޖޭގެ ހޮސްޕިޓަލްތަކަށް ދިވެހި ނަރުހުން ވަރަށް ބޮޑަށް ބޭނުންވެ އެވެ.
"މިހާތަނަށް ކުރެވިފައިވާ ދިރާސާތަކުން ވެސް ދައްކާ ބަލި މީހާއާ އެއްބަހުން ވާހަކަދައްކާ މީހުން ނުވަތަ ނަރުހުން، އެހީތެރިވާން ތިބޭނަމަ ބަލިމީހާއަށް ހިތްހަމަޖެހުން ގެނެސްދޭ ކަމަށް. ފަރުވާގެ ވަރަށް ބޮޑު ބައެއް އެއީ ހިތްހަމަޖެހުން. ވަރަށް ބައިވަރު ކުދިން ނަރުސް ކޯސް ހަދާ. އެކަމަކު މަސައްކަތުގެ މާހައުލުން ފެންނަނީ ވަރަށް މަދު ބައެއް. އެއީ ވަރަށް ކަންބޮޑުވާކަމެއް،" ޝިފާ ވަރަށް ހިތާމަޔާއެކު ފާހަގަކުރެއްވި އެވެ.
ޝިފާ ދެކޭގޮތުގައި ނަރުސްކަމަކީ ވަޒީފާއަކަށް ވުރެ ބޮޑަށް އިންސާނިއްޔަތަށް ކޮށްދެވޭ އަގުހުރި ޚިދުމަތެކެވެ.
މާދަމާ ފާހަގަކުރާ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ޝިފާ އަށާއި ރާއްޖޭގެ ހުރިހާ ނަރުހުންނަށް "ހުރިހާ" ނޫހުގެ މެނޭޖްމަންޓުގެ ފަރާތުން އަރިސްކުރަމެވެ.