މިއަހަރުގެ އައިޖީއެސްސީ އަދި އެސްއެސްސީ އިމްތިހާނު އިއްޔެ ފެށިފައިވާއިރު މިއަހަރުގެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން އިމްތިހާނަށް ތައްޔާރުވާން މަސައްކަތް ވަނީ ފަށާފަ އެވެ.

އިމްތިހާނު ދުވަސްވަރަކީ ދަރިވަރުންނަށާއި ބެލެނިވެރިންނަށްވެސް ބޮޑު ޕްރެޝަރަކާ ކުރިމަތިލާންޖެހޭ ދުވަސްވަރެކެވެ. މި ދުވަސްވަރު ކިޔެވުމުގެ ކަންކަން ފަސޭހަކޮށް، އިންތިޒާމުކޮށް، އަދި އިމްތިހާނަށް ރަނގަޅަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ކަމުގެ މާހިރުން އިރުޝާދުތަކެއްދެ އެވެ.

މިފަދަ އިރުޝާދުތަކުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ ކިޔެވުމުގެ އާދަތައް ހަރުދަނާކޮށް، ބެލެނިވެރިންނަށް އެކުދިންނަށް އެހީތެރިވެވޭނެ އަމަލީ ގޮތްތަކެއް ހޯދައިދިނުމެވެ.

އިމްތިހާނަށް ރަނގަޅަށް ތައްޔާރުވާނީ ކިހިނެއް؟

ވަގުތު މެނޭޖުކުރުމާއި ތާވަލެއް އެކުލަވާލުން

އިމްތިހާނަށް ތައްޔާރުވުމުގެ ފުރަތަމަ ފިޔަވަޅަކީ ކިޔަވާނެ ދުވަސްތަކާއި ގަޑިތައް ތަރުތީބުކޮށް "ސްޓަޑީ ތާވަލެއް" އެކުލަވާލުމެވެ. އެންމެ ފަހު ވަގުތަށް ފިލާވަޅުތައް ބަހައްޓައިގެން ކިޔެވުމުގެ ބަދަލުގައި، ކޮންމެ ދުވަހަކުވެސް ވަކި މިންވަރަކަށް ފިލާވަޅުތައް ބަހާލައިގެން މުރާޖައާ ކުރުން މުހިންމެވެ. އުނދަގޫ މާއްދާތަކަށް ގިނަ ވަގުތު ހުސްކޮށް، ފަސޭހަ މާއްދާތައް މުރާޖައާ ކުރާނެ ވަގުތު ތާވަލުގައި ހިމެނުން ބޭނުންތެރި އެވެ.

ކިޔެވުމަށް އެކަށީގެންވާ މާހައުލެއް ހޯދުން

ސަމާލުކަން ނުގެއްލޭ ފަދަ ހަމަޖެހޭ މާހައުލެއްގައި ކިޔެވުމަކީ ފިލާވަޅުތައް އަވަހަށް ދަސްވުމަށް އެހީތެރިވެދޭ ކަމެކެވެ. ކިޔަވާ ގަޑީގައި ފޯނާއި، ސޯޝަލް މީޑިއާ އަދި ޓީވީ ފަދަ ސަމާލުކަން ދަމައިގަންނަ ތަކެއްޗާ ދުރުވުން މުހިންމެވެ. އަދި ކިޔަވާ ކޮޓަރީގައި އެކަށީގެންވާ އަލިކަމާއި ވައި ދައުރުވާނެ ގޮތް ހުރިކަން ކަށަވަރު ކުރަން ޖެހެ އެވެ.

ޕާސްޓް ޕޭޕާސް ހެދުން

ފިލާވަޅުތައް ކިޔައި ދަސްކުރުމުގެ އިތުރުން، ކުރީގެ އިމްތިހާނު ކަރުދާސްތައް ހެދުމަކީ އިމްތިހާނަށް ތައްޔާރު ވުމަށް އޮތް އެންމެ ފްރެކްޓިކަލް އެއް ގޮތެވެ. މީގެ ސަބަބުން ސުވާލުތައް އަންނާނެ ގޮތާއި، ވަގުތު މެނޭޖު ކުރާނެ ގޮތް ދަސްވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދެ އެވެ.

ސިއްހަތަށް ސަމާލުކަން ދިނުން

އިމްތިހާނަށް ތައްޔާރުވާ ދުވަސްވަރު ސިއްހަތަށް އިހުމާލުވުމަކީ ހެދޭ ބޮޑު ގޯހެކެވެ. ކޮންމެ ރެއަކުވެސް މަދުވެގެން 7-8 ގަޑިއިރުގެ ހަމަނިދި ހޯދުމަކީ ސިކުނޑި ތާޒާކޮށްދީ ހަނދާންގަދަ ކޮށްދޭ ކަމެކެވެ. މީގެ އިތުރުން، ސިއްހަތަށް ފައިދާހުރި ކާނާ ބޭނުން ކުރުމާއި ގިނައިން ފެން ބުއިމަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދީ ކިޔެވުމުގެ ތެރޭގައި ވަރުބަލިވިޔަ ނުދީ ހިފަހައްޓައިދޭނެ ކަންކަމެވެ.

އިމްތިހާނާ މެދު މާބޮޑަށް ފިކުރު ބޮޑުވެ ސްޓްރެސްވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ސާބިތުކަމާއެކު މަސައްކަތް ކުރުމަކީ އެދެވޭ ރަނގަޅު ނަތީޖާއަކަށް ވާސިލުވުމުގެ ސިއްރެވެ.