އުރީދޫގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ގުޅިގެން ބޭއްވުނު ހާއްސަ ލަކީޑްރޯގެ ނަސީބުވެރިޔާ އިއްޔެ ޕެރިހަށް ފުރައިފި އެވެ.

މި ހާއްސަ ލަކީޑްރޯއަކީ 18 އޮކްޓޯބަރުން ފެށިގެން 31 ޑިސެމްބަރު 2023 އާއި ދޭތެރޭ އުރީދޫ ގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހުޅުވާލި ލަކީޑްރޯއެކެވެ.

މި ނަސީބުވެރި ކަސްޓަމަރާއެކު އުރީދޫ ޓީމުގެ ދެ މެމްބަރުން ވެސް ބައިވެރިވި އެވެ. މިއީ މި ލަކީޑްރޯއާ ގުޅުވައިގެން އުރީދޫ ސްޓާފުންގެ މެދުގައި ބޭއްވި މުބާރާތަކުން މޮޅުވި ދެ ސްޓާފުންނެވެ.

ޕެރިހައް ދާ ދަތުރުގެ ނަސީބުވެރި ފަރާތަށް ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ދެ ރެއާއި ތިން ދުވަހަށް ފުލް ބޯޑާއެކު އެކޮމޮޑޭޝަންގެ އިތުރުން ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގެ އުރީދޫ ވީއައިޕީ ލައުންޖުން، މިމަހުގެ 21ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެސްޖީ އާއި ލިޔޯން މެޗް ބެލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ގުޅިގެން ބޭއްވުނު ހާއްސަ ލަކީޑްރޯގެ ނަސީބުވެރިޔާ އިއްޔެ ޕެރިހަށް ފުރުމުގެ ކުރިން އެއާޕޯޓުގައި ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އުރީދޫ

އުރީދޫން ބުނީ ޕެރިހުގައި ޕީއެސްޖީ އާއި ޓުލޫސް މެޗް ލައިވްކޮށް ބަލާލުމުގެ ފުރުސަތު ކުރިއަށް ގެންދިޔައީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހުޅުވާލައިގެން ކަމަށެވެ. ސުޕަނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއާފައިބަ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން ލަކީޑްރޯ ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި އަޕްގްރޭޑް ކުރެއްވި ފަރާތްތަކަށް މި ލަކީ ޑްރޯގެ އޮޓޮމެޓިކުން ބައިވެރި ކުރި ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދިޔަ މުއްދަތުގައި އުރީދޫ މޯލްޑިވްސް އާ އަލަށް ގުޅިވަޑައިގެންނެވި ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ. މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.