އެކަށީގެންވާ ވަރަށް ފެލެޓް ނެތްކަމަށް ބުނެ އަލަތު ކައިވެނި ކެޓަގަރީ ހިމެނޭހެން ޖުމްލަ ތިން ކެޓަގަރީއަކުން އެއް ކޮޓަރީގެ ފްލެޓް ނުދޭން ނިންމައި، އެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ބާތިލްކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ގެޒެޓުގައި ޝާއިއުކުރި އިއުލާނުގައި ބުނާގޮތުން ފުލެޓް ނުދޭން ނިންމާފައިވާ ކެޓަގަރީތަކަކީ؛
1. އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ (H11)
2. މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (H13)
3. އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ (H15) އެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، ހިޔާ މަޝްރޫއުގެ އެޗް11 އަދި އެޗް 15 ކެޓަގަރީއަށް ފްލެޓް ދިނުމަށް ކުރިން ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް2 ގައި ސަރުކާރުގެ ކުންފުނިތަކުން އަޅާ ޓަވަރުތަކުން އެއްކޮޓަރީގެ އެޕާޓްމެންޓް ސަރުކާރަށް ގަތުމަށްފަހު އެފްލެޓްތަކެވެ.
ނަމަވެސް، އެ މިނިސްޓްރީން އެ ޓަވަރުތަކާ ބެހޭ ގޮތުން އެއްކުރި މައުލޫމާތަށް ރިއާޔަތްކުރުމަށްފަހު ބުނީ، ހިޔާ މަޝްރޫއަށް ސަރުކާރަށް ލިބެނީ މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފްލެޓް އެކަނި ކަމަށެވެ.
މި ސަބަބާހުރެ މިނިސްޓްރީން ވަނީ، ލިބެންހުރި 36 ފްލެޓް އެޗް14 ވަނަ ކެޓަގަރީ ކަމަށްވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ ކެޓަގަރީއަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ދިނުމަށްފަހު، ބާކީވާ ފްލެޓްތައް އެޗް12 ވަނަ ކެޓަގަރީ ކަމަށްވާ މާލޭ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއަށް ދިނުމަށް ނިންމާފަ އެވެ.
އެހެންކަމުން، ސަރުކާރުންވަނީ އެޗް11، އެޗް13 އަދި އެޗް15 ވަނަ ކެޓަގަރީއަށް ހުށަހަޅާފައިވާ ފޯމްތައް ބާތިލްކޮށް އެކަން އާންމުކޮށް މިއަދު އިއުލާންކޮށްފަ އެވެ.
މިކަމާގުޅޭގޮތުން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.