ސްލޮވާކިޔާގެ ބޮޑުވަޒީރު ރޮބަޓް ފިކޯއަށް ބަޑިން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފި އެވެ.
ރޮބަޓް ފިކޯ އަށް ބަޑިން ހަމަލާދީފައި ވަނީ އެ ގައުމުގެ ހަންޑްލޯވާގެ ހައުސް އޮފް ކަލްޗާ ކުރިމަތީގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރަން ވަޑައިގަންނަވަނިކޮށެވެ.
ހަންޑްލޯވާގައި ހިނގި މި ހާދިސާއަށްފަހު ރޮބަޓްގެ ސެކިއުރިޓީ ޓީމުން އޭނާ ކާރަކަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖުތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފަ އެވެ.
މި ހާދިސާއަށްފަހު އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށްވެ އެވެ.
ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ މި ހާދިސާގައި ތިން ހަތަރު ވަޒަނެއް ރޮބަޓްގެ ހަށިކޮޅަށް އަމާޒުކޮށް ފޮނުވާލާފައިވެ އެވެ. މިގޮތުން ބައެއް ވަޒަން ބަނޑަށާއި ބޮލަށް ވެސް އަރާފައިވާ ކަމަށްވެ އެވެ. މި ހަމަލާދިން މީހާ ފިލަން އުޅެނިކޮށް ފުލުހުން ވަނީ އެ މީހާ ހައްޔަރުކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން ޔޫރަޕިއަން ޔުނިއަން އާއި ޔޫރަޕްގެ ގައުމުތަކުގެ ވެރިން އަންނަނީ މި ހަމަލާ ކުށްވެރިކޮށް، ހަމަލާދިން މީހާއަށް ހަރުކަށި އަދަބުދިނުމަށް ގޮވާލަމުންނެވެ.
ރޮބަޓް އަކީ ރަޝިއާ- ޔުކްރެއިން ހަނގުރާމާގައި ރަޝިއާއަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ލީޑަރެކެވެ.