ރާއްޖޭގެ ތަރުކާރީ ވިއްކާ މަރުކޭޓުތަކުގައި ވަރަށް ގިނަ ވައްތަރުގެ ފަތްޕިލާވެލި ލިބެން ހުރެ އެވެ.
އެންމެ އާންމުކޮށް އަދި ހުސްނުވެ ލިބެން ހުންނަ ފަތްޕިލާވެލީގެ ބާވަތަކީ ކޮޕީ ފަތެވެ. އެއީ ކޮޕީފަތަކީ ރާއްޖޭގައި ގިނަ އަދަދަކަށް ހައްދާ ފަތަކަށް ވީތީ އެވެ. ސްޕިނެޗް (ބޯވެލި ފަތް) އަކީ ވެސް މިހާރަކަށް އައިސް ވަރަށް ފަސޭހައިން ލިބެން ހުންނަ ފަތެކެވެ. އަގުގެ ގޮތުން ބަލާއިރު މި ދެވައްތަރުގެ ފަތުގައި ތަފާތުތަކެއް އުޅެ އެވެ. ފައިދާގެ ގޮތުން ބަލާއިރު މިތަނުން އެންމެ ރަނގަޅީ ކޮންފަތެއްތޯ މިއީ ވަރަށް ގިނަ މީހުންގެ ހިތުގައި އުފެދިފައިވާނެ ސުވާލެކެވެ. ދެފަތަކީ ވެސް ކާން ރަނގަޅު ދެ ވައްތަރު ކަމަށްވި ނަމަވެސް ފައިދާގެ ގޮތުން ބަލާއިރު އެއްފަތަށް ވުރެ އަނެއް ފަތް އުޅެނީ ކުރީގަ އެވެ.
ކޮޕީފަތް ސްޕިނެޗަށް ވުރެ ބޮޑެތިވެފައި ހިތްޗެވެ. ދެފަތަކީ ވެސް ރޮލާ ކާން އެންމެ ރަނގަޅު ފަތެވެ. ފައިބާ އާއި ކެލްސިއަމް ކޮޕީފަތުގައި ގިނަ އެވެ. ފައިބާގެ ސަބަބުން ހަޖަމްކުރާ ނިޒާމް ދުޅަހެޔޮވެ އެވެ. ނަމަވެސް ކޮޕީފަތަށް ވުރެ ސްޕިނެޗްގައި ވިޓަމިންސް އާ މިނަރަލްސްގެ ބައި ގިނަ އެވެ.
އޮކްސަލޭޓް އޭ ކިއުނު މާއްދާ ވެސް ކޮޕީފަތަށް ވުރެ ސްޕިނެޗްގައި ގިނަ އެވެ. ލޭގައި އޮކްސަލޭޓްގެ ބައި ގިނަވާނަމަ ކިޑްނީގައި ހިލަ އުފެދުމުގެ ޗާންސް އިތުރުވެ އެވެ. ފަތާއި ތަރުކާރީގައި ހިމެނޭ އޮކްސަލޭޓް މަދުކުރެވޭނީ ފެނު ކެއްކުމުންނެވެ.
ސްޕިނެޗްގައި ކެންސަރުން ދިފާއުވުމަށް އެހީވެދޭ ދެ އެންޓި އޮކްސިޑެންޓްސް ކަމަށްވާ ޒީކްޒަންތިން އާއި ލުޓެއިން ގިނަ އަދަދަކަށް ހުރެ އެވެ. އަދި ލޭ ގިނަކޮށްދޭ މައްދާ ކަމަށްވާ އަޔަން ވެސް ސްޕިނެޗްގައި ގިނަ އެވެ.