އެއާ ސާވިސް ވޯލްޑް ކޮންގްރެސް (އޭޑަބްލިޔުއެސްސީ)ގެ ޕާޓްނަރުންނާއެކު އެމްސީއެލް އިން ސޮއިކޮށްފި އެވެ.
މި ކޮންގްރެސް އޮންނާނީ އަންނަ ޖުލައި މަހުގެ 9 އިން 11 އަށް ކުރުނބާ މޯލްޑިވްސްގަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ގޮތުން 7 ގިންތިއަކުން ކޮންގްރެސް ބޭއްވުމުގެ އެކި ކަންކަމުގައި އެހީތެރިވުމަށް ޕާޓްނަރުންނާއެކު އެމްއޭސީއެލްއިން ސޮއިކޮށްފައިވެ އެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުންނާކީ:
- ރިސޯޓް ޕާޓްނަރުން: ޝެރެޓަން، މަލަހިނި
- ވެނިއު ޕާޓްނަރު: ކުރުނބާ މޯލްޑިވްސް
- ޑިޖޓަލް ޕާޓްނަރު: ދިރާގު
- ސީޕްލޭން ޕާޓްނަރު: ޓީއެމްއޭ
- އެއާލައިން ޕާޓްނަރު: އެމިރޭޓްސް
- އޭވިއޭޝަން ޕާޓްނަރު: މޯލްޑިވިއަން
- މީޑިއާ ޕާޓްނަރުން: އައިލެންޑް ޗީފް، އޯކާ މީޑިއާ، ހޮޓެލިއާ މޯލްޑިވްސް، ދަ އެރައިވަލް، ޓްރެވެލޫޝަން މީޑިއާ
މީގެ އިތުރުން މި އިވެންޓް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި، ދަތުރުފަތުރާއި ބެހޭ ވުޒާރާއިން އެންޑޯސްކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި ދާއިރާގެ އެންމެ ބޮޑު ދެ ޖަމިއްޔާ ކަމަށްވާ މަޓީ އަދި މަޓާޓޯއިން ވެސް މި ހަރަކާތް އެންޑޯސްކޮށްފައިވެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ރާއްޖޭގެ ސަގާފަތް ދުނިޔެއަށް ދައްކާލުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި މިފަދަ ހަރަކާތެއް ރާއްޖޭގައި ކުރިއަށްދާއިރު އޭގެ ބޭނުން ހުރިހާ ފަރާތްތަކުން ވެސް ހިފަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ކޮންގްރެސްގެ ތެރެއިން ރަނގަޅު ވިޔަފާރީގެ ފުރުސަތުތައް ފަހިވެ ގުޅުންތައް ބަދަހިކުރުމަށް ފުރުސަތުތައް ލިބިގެންދާނެ. އަޅުގަނޑު ގޮވާލަން ހުރިހާ ކަމާގުޅުންހުރި ފަރާތްތަކަށް ވެސް މި ފުރުސަތުގެ ބޭނުން ހިފައި، ރަނގަޅު ގުޅުންތަކެއް ފާއިމުކޮށް ކާމިޔާބު ކުރިމަގަކަށް ތައްޔާރުވުމަށް،" ޝަރީފް ވިދާޅުވި އެވެ.
މި ހަރަކާތުގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުން 300 މަންދޫބުން ބައިވެރިވާނެކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. އޭގެ ތެރޭގައި އެއާޕޯޓް އެންޑް ރޫޓް ޑިވެލޮޕްމަންޓް އެގްޒެކެޓިވްސް އާއި އެއާލައިން އެގްޒެކެޓިވްސް އާއި އެއާލައިން ނެޓްވޯކިން ޕްލޭނަރުންނާއި އޭވިއޭޝަން ސަޕްލަޔަރުންގެ އިތުރުން އޭވިއޭޝަން އަދި ޓޫރިޒަމް އިދާރާތަކުގެ އިސް މަންދޫބުން ހިމެނިވަޑައިގަންނަވަ އެވެ.
އެއާ ސާވިސް ވޯލްޑްސް ކޮންގްރެސް (އޭޑަބްލިޔުއެސްސީ) އަކީ ވައިގެ ދަތުރުފަތުރުގެ މުސްތަގުބަލާ ބެހޭ ގޮތުން އެއާލައިންތަކާއި އެއާޕޯޓުތަކާއި ޓޫރިޒަމް އޮތޯރިޓީތައް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ހަރަކާތެކެވެ. މި ހަރަކާތަކީ އެއާ ސާވިސް ޑިވެލޮޕްމަންޓްގައި ރޫޓް ޑިވެލޮޕްމަންޓް ކޮމިއުނިޓީގެ މަންދޫބުން ގުޅިގެން މަސައްކަތްކުރުމަށް ލިބިގެންދާ ޕްލެޓްފޯމެކެވެ.