މިއީ ރާއްޖޭގެ އެންމެ ހިތްގައިމު އެއްތަނެވެ. އެ ރަށަށް ޒިޔާރަތްކުރާ މެހުމާނުން ވެސް އެންމެ ދެކެން ބޭނުންވާ އެއްތަނުގައި އެތަން ހިމެނެ އެވެ. ފޮޓޯއިން ތިޔަ ފެންނަނީ ފުވައްމުލަކުގެ "ބަންޑާރަ ކިޅި" އެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު ގުދުރަތީ މީރު ފެނުގެ ރިޒާވް އެވެ. ނަމަވެސް ތިމާވެށީގެ މައްސަލަތަކެއް ކުރިމަތިވެ، މިދިޔަ ތިން ހަތަރު އަހަރުގެ ތެރޭގައި އެތަނުގެ ރީތިކަމަށް ގެއްލުން ލިބެން ވަނީ ފަށައިފަ އެވެ.
މުޅިން އަލަށް އެތަނުގައި "ކެނޭޑިއަން ވޯޓަ ވީޑްސް" އަދި "ލޮޓަސް" ގަސްތައް ގިނަ އަދަދަކަށް ހެދި، އެތަނުގެ ރީތިކަން ދިޔައީ ފޮރުވެމުންނެވެ. މިކަން އެތަނުގެ މަތިން ނަގާފައިވާ ފޮޓޯތަކުން ފެންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ އެގަސްތަކުގެ ސަބަބުން ބަންޑާރަ ކިޅީގެ އަސްލު ގެއްލޭތީވެ. ކައުންސިލްގެ އިސްނެގުމާއެކު އެކި މުވައްސަސާތަކާ ގުޅިގެން އެތަން ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"ބަންޑާރަ ކިޅިން ނަގަމުން މިދާ ދެ ބާވަތުގެ ގަހަކީ ވެސް ބަންޑާރަ ކިޅިން މީގެ ދެތިން ހަތަރު އަހަރަކާ ހަމައަށް އެއްވެސް ވަރަކަށް އެތަނުން ފެނިފައިނުވާ ގަސްތަކެއް. އެހެންކަމުން އެކިޅީގެ އުފެދުމުގައި އަދި އެ ކިޅީގެ ދިރުންތަކުގެ ތެރޭގައި ނުހިމެނޭ މިގަސްތައް އެތަނުގައި އާލާވެ ފެތުރުމުގެ ސަބަބުން ބަންޑާރަ ކިޅީގެ ގުދުރަތީ ދިރުންތަކަށް ނޭދެވޭ އަސަރުތައް ކުރޭ،" ފުވައްމުލަކު ސިޓީ ކައުންސިލުން ބުންޏެވެ.
އެ ކައުންސިލުން ބުނީ ބަންޑާރަ ކިޅީގައި އެ ދެ ބާވަތުގެ ގަސް ހެދި އެތަނުގައި އުޅޭ މަސްމަހާމެހީގެ އާބާދީ ދަށްވުމާއި ކިޅީގައި ހިމެނޭ ޖުމްލަ ފެނުގެ އިންސައްތަ ދަށަށް ދިއުމަކީ ކުރިމަތިވުން އަވަސް ކަމެއް ކަމަށެވެ.
ފުވައްމުލަކު ބަންޑާރަ ކިޅި ހިމެނިފައި ވަނީ ރާއްޖޭގައިވާ ގުދުރަތީ މީރު ފެނުގެ އެންމެ ބޮޑު ރިޒާވްކަމުގަ އެވެ. އެތަނުގެ ބޮޑުމިނުގައި 4.74 ހެކްޓަރު ހުރެ އެވެ. އަދި އެ ކުޅީގެ ފުންމިނުގައި 12 -15 ފޫޓް ހުރެ އެވެ.
ގުދުރަތީ ގޮތުން އަޖައިބުކުރުވަނިވި އެތައް ސިފަތަކަކާއި ދިރޭތަކެތި އަދި ގަސްގަހާގެހީގެ މުއްސަނދިކަން ލިބިގެންވާ ބަންޑާރަ ކިޅިއަކީ ރާއްޖޭގައިވާ އެންމެ ބޮޑު ފެނުގެ ރިޒާވްގެ އިތުރުން އެންމެ ގިނަ ބަޔަކު ބަލާލަން ބޭނުންވާ އެއްތަނެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ބަންޑާރަ ކިޅިން ކެނޭޑިއަން ވޯޓަ ވީޑްސް އާއި ލޮޓަސް ގަސްތައް ނަގާ ސާފުކުރުމުގެ މަސައްކަތުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފުންގެ އިތުރުން އެރަށުގައި ހުންނަ ބައެއް މުވައްސަސާތަކުގެ މުވައްޒަފުން ބައިވެރިވާ ކަމަށެވެ.
ބަންޑާރަ ކިޅީގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މިއީ އެރަށުގެ މުސްތަގުބަލާ ގުޅިފައިވާ ހިތްގައިމު ތަނެކެވެ.