ނާސާގެ ސައިންސް ރޯވާ ޕްރިސަވަރެންސް، އަދި ދުނިޔެއިން ބޭރަށް ފޮނުވި އެންމެ އެޑްވާންސްޑް އެސްޓްރޯ ބަޔޮލޮޖީ ލެބޯޓަރީ މާސްގައި ޖައްސައިފި އެވެ.

ކާމިޔާބުކަމާ އެކު މި ހަ ފުރޮޅުލީ ރޯވާ މާސްއަށް ޖެއްސިކަން ރޭޑިއޯ ސިގްނަލްތަކުން ޔަގީންވުމުން މި ތާރީހީ މިޝަންގެ މެނޭޖަރުން ވަނީ ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓަރީގައި ތިބެ އުފާފާޅުކޮށްފަ އެވެ.

މި ރޮބޮޓިވް އުޅަނދު ވަނީ ޖައްވުގެ ތެރޭގައި ހަތް މަސްވަންދެން ދަތުރުކޮށް، 472 މިލިއަން ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކޮށްފަ އެވެ. މާސްގެ ބިމަށް ޖައްސަން މާޓިއަން އެޓްމޮސްފިއާ އަށް ވަންނަން އެ އުޅަނދު ވަނީ ގަޑިއަކު 19،000 ކިލޯމީޓަރަށް ދަތުރުކޮށްފަ އެވެ.

މާސްގެ ބިމަށް ތިރިކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޕްރިސަވަރެންސް އިން ވަނީ މާސްގެ އެންމެ ފުރަތަމަ ހުދާއި ކަޅުގެ ފޮޓޯތައް ނަގާފަ އެވެ. އެތަނުން އެއް ފޮޓޯގައި އުޅަނދުގެ ހިޔަނި ވެސް ފެންނަން ހުރެ އެވެ.

މާސްއަށް ޖެއްސުމަކީ ދެ އަހަރު ދުވަސް ހޭދަވި އަދި 2.7 ބިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއުގެ އެންމެ ރިސްކު ބޮޑު ބަ އެވެ. މި މިޝަންގެ އެންމެ ބޮޑު މަގުސަދަކީ މީގެ ތިން ބިލިއަން އަހަރު ކުރިން މާސްގައި ދިރިއުޅުނު ކަމަށް ބުނާ މައިކްރޯބްސްގެ ފޮސިލް ހުރިތޯ ބެލުމެވެ.

މި ދަތުރުގައި މާސްއިން ތަހުލީލުކުރުމަށް ދުނިޔެއަށް ސާމްޕަލްތަކެއް ގެނެއުމަށް ހަމަޖެހިފައިވެ އެވެ.

މި ސާމްޕަލްތައް ނަގައިގެން ދުނިޔެއަށް ގެނެއުމަށް ކުރިއަށް މިއޮތް 10 އަހަރުގެ ތެރޭގައި ދެ މާސް މިޝަން ޕްލޭންކޮށްފައިވެ އެވެ.