ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަން އިން ސްވިޑްންގެ މަލްމޯއަށް ރޭލުގައި ދެވުނު ކަމަށް ވިޔަސް މި ދެގައުމަކީ ބޯލްޓިކް ކަނޑުގައި ވަކިން އޮންނަ ދެ ގައުމެވެ.

ކޯޕަން ހޭގަން އިން ފުރައިގެން މަލްމޯ އަށް ދިއުމަށްޓަކައި ރޭލުގެ ދަތުރު ފަށައިގަންނަނީ ބޯލްޓިކް ކަނޑުގައި ދެގައުމު ގުޅުވަން އަޅައިފައި އޮންނަ ބުރިޖަކުންނެވެ. ބަލާ މީހުން އަޖައިބުކުރުވާ ފަދަ ހިތްގައިމު އެ ބުރިޖު މަތިން ރޭލު ދުވެފައި ދާތަން ދުރުން ފެންނަ މީހަކަށް ފެންނާނީ ކަނޑު މެދުން ރޭލު މާކަނޑަށް ފީނައިގަންނަ މަންޒަރެވެ. އެއަށްފަހު ރޭލުގެ ހިލަމެއް ވާނީ ސްވިޑްނެގެ މަލްމޯ އިންނެވެ.

ސްވިޑްން އާއި ޑެންމާކް ގުޅުވުމަށް އަޅާއިފައިވާ އޮރެސަންޑް ބްރިޖް، ވަކި ހިސާބަކުން ބަދަލު ވަނީ ކަނޑު އަޑީގެ ޓަނަލަކެށެވެ. ޓަނަލާއި ބްރިޖް ގުޅުވައި ދެނީ ދެގައުމުގެ ދެމެދުގައި ހިއްކައިފައި އޮންނަ ކުޑަ ރަށަކުންނެވެ. ޑެންމާކުން ފެށޭ ބުރިޖު ޓަނަލާ ގުޅޭ ހިސާބަށް ދިގުމިނުގައި 7،845 މީޓަރު ހުންނައިރު ޓަނަލުގެ ދިގު މިނަކީ 4،050 މީޓަރެވެ.

މި ބްރިޖަކީ މިވަގުތު ޔޫރަޕްގައި ހުރި ބުރިޖްތަކުގެ ތެރެއިން އެކި ބާވަތުގެ އުޅަނދުފަހަރު (ރޭލާއި އެއްގަމު ދުއްވާ އެހެނިހެން އުޅަނދުތައް) އެއް ބުރިޖަކުން ދަތުރު ކުރެވޭ ގޮތަށް އޮތް އެންމެ ބޮޑު ބުރިޖެވެ. ބްރިޖުގައި ރެއިލް ނޫން އެހެން އުޅަނދުތަކަށް ހަތަރު ލޭން އޮވެ އެވެ. ރޭލު ދަތުރުކުރުމަށް ވަކި ދެ ލޭން އޮވެ އެވެ. ތިން ބަޔަކަށް ހަދާފައި އޮންނަ މި ބުރިޖްގެ އެންމެ އުސް ހިސާބުގައި 204 މީޓަރު ހުރެ އެވެ. މުޅި ބްރިޖުގެ ބަރުދަނެއް ކަމުގައި ވަނީ 82،000 ޓަނެވެ.

އޮރިސަންޑް ބްރިޖް

އޮރެސަންޑް ބްރިޖް ނުވަތަ ޓަނަލް ބްރިޖަކާއި ޓަނަލެއްގެ ގޮތުގައި ހައިބްރިޑް މަގެއްގެ ސިފައިގައި ހެދުމުގައި ތަފާތު ބޭނުންތަކެއްވެ އެވެ. އޭގެ ތެރޭގައި ކައިރީގައި އޮތް ކޯޕަންހޭގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ މަތިންދާ ބޯޓުތަކުގެ ދަތުރުފަތުރަށް ބުރޫ ނާރާނެ ގޮތް ހެދުމާއި އެހިސާބުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރަށް މުޅި ސަރަހައްދު ބަންދު ނުކޮށް ހުޅުވާލާފައި ބޭއްވުން ހިމެނެ އެވެ.

އޮރެސަންޑް ބްރިޖްގެ ސަބަބުން ސްކެންޑްނޭވިއާ އާއި ޔޫރަޕްގެ އެހެން ގައުމު ގުޅުވާލައި، ދަތުރުފަތުރާއި އިގްތިސާދީ ހަރަކާތްތަކާއި ސަގާފީ ގުޅުންތައް އިތުރުވުމުގެ އިތުރުން މި ބްރިޖަކީ ޑިޓަލް ގުޅުންތަކަށް ވެސް މުހިންމު ބްރިޖަކަށް ވަނީ ވެފަ އެވެ. ބްރިޖްގެ ތެރެއިން އަޅާފައިވާ ޑޭޓާ ކޭބަލަކީ ސްވިޑްން އާއި ސެންޓްރަލް ޔޫރަޕްގެ މެދުގައި އިންޓަނެޓް ޑޭޓާ ފޯރު ކޮށްދިނުމަށް މުހިންމު ކޭބަލެކެވެ.

އޮރެސަންޑް ބްރިޖް

ނަވާރަސަތޭކަ ނުވަދިހަ ފަސްވަނަ އަހަރު ހަދަން ފެށި ބުރިޖް ނިމުނީ 2000 ވަނަ އަހަރުގެ ޖުލައި މަހު އެއްވަނަ ދުވަހު އެވެ. އަދި 2022 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު ދުވާލަކު ގާތްގަނޑަކަށް 18،434 އުޅަނދު މި ބްރިޖުން ދަތުރުކުރާ ކަމަށްވެ އެވެ. މިބްރިޖް ހުރަސްކުރުމަށް ޓޯލް ފީއަކީ 61 ޔޫރޯ އެވެ. ދުނިޔޭގެ މިވަގުތު ހުރި ބްރިޖްތަކާއި ޓަނަލްތަކުގެ ތެރެއިން އޮރެސަންޑް ބްރިޖަކީ ކުރިއަރާފައިވާ އިންޖިނިއަރިން އާއި ޓެކްނޮލޮޖީގެ ނަމޫނާއެކެވެ.