1990 ގެ އަހަރުތަކުގައި ނުކުތް މަޝްހޫރު ފިލްމު "ހޯމް އެލޯން"ގައި ކެވިން މެކަލިސްޓާގެ ރޯލު ކުޅެގެން ދުނިޔޭގެ މަޝްހޫރުކަން ހޯދި އެކްޓަރު މެކޯލޭ ކަލްކިން، އެ ފްރެންޗައިޒްގެ ފުރަތަމަ ފިލްމު ރިލީޒް ކުރިތާ 36 އަހަރު ފަހުން އަލުން އެ ފްރެންޗައިޒް އަށް އެނބުރި އަންނަން ތައްޔާރު ވެއްޖެ އެވެ.

"ޑެޑްލައިން" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޑިޒްނީ އިން ދަނީ މި ފިލްމުގެ އާ ސީކުއެލްއެއް އުފެއްދުމުގެ އެންމެ ފުރަތަމަ މަރުހަލާގެ މަސައްކަތް ކުރަމުންނެވެ.

މި އާ ފިލްމުގެ ސްކްރިޕްޓް ލިޔުމާއި ޕްރޮޑިއުސް ކުރުމުގައި ހަރަކާތްތެރިވަނީ "ޕޮއިންޓް ގްރޭ"ގެ ސެތު ރޯގަން އަދި އީވަން ގޯލްޑްބާގް އެވެ. މި ދެމީހުން މިހާރު ދަނީ ކަލްކިން އާއެކު މި ޚިޔާލު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޑިޒްނީ އިން އަދި މި ހަބަރު ރަސްމީކޮށް ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ކަލްކިން އެނބުރި އައުމާ ގުޅޭގޮތުން އޮންލައިންކޮށް ދެކެވުނު ވާހަކަތަކަށްފަހު، މިދިޔަ ހޫނު މޫސުމުގައި އޭނާ ވަނީ ޑިޒްނީ މޯޝަން ޕިކްޗާސްގެ ޑޭވިޑް ގްރީންބައުމް އާ ބައްދަލުކޮށް އާ ސީކުއެލްއެއްގެ ހިޔާލު ހުށަހަޅާފަ އެވެ.

ހަގީގީ ދިރިއުޅުމުގައި ވެސް މިހާރު ބައްޕައަކަށް ވެފައިވާތީ، ކަލްކިން ހުށަހަޅާފައިވަނީ ބައްޕައެއްގެ ނަޒަރުން ގެނެސްދޭ ވާހަކަ އެކެވެ. ކުޑައިރު އެކަނިމާއެކަނި ގެއަށް ވަން ވަގުންނާ ކުރިމަތިލި ކެވިން، ބޮޑުވެ ވިސްނުންތެރި މީހަކަށް ވުމުން އޭނާގެ ދިރިއުޅުން ބައްޓަންވެފައިވާ ގޮތް މި ފިލްމުން ފެނިގެންދާނެ އެވެ.

މީގެ ކުރިން ވެސް، ނޮވެމްބަރު 2025 ގައި ބޭއްވި "އަ ނޮސްޓަލްޖިކް ނައިޓް ވިތު މެކެއުލޭ ކަލްކިން" ޓުއާގައި ވާހަކަ ދައްކަމުން، ރަނގަޅު ވާހަކައެއް ލިބިއްޖެނަމަ ކެވިންގެ ރޯލަށް އެނބުރި އައުމަށް ދެކޮޅު ނަހަދާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

ރިސް ކޮލަމްބަސް ޑައިރެކްޓްކޮށް 1990 ގައި ނެރުނު "ހޯމް އެލޯން" އާއި 1992 ގައި ނެރުނު "ހޯމް އެލޯން 2: ލޮސްޓް އިން ނިއު ޔޯކް" އަށް ބޮކްސް އޮފީހުގައި ޖުމްލަ 836.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

އޭގެ ފަހުން 1997 ގައި "ހޯމް އެލޯން 3" ނެރެ، 2002 ގައި "ހޯމް އެލޯން 4" ޓީވީއަށް ނެރުނެވެ. އަދި 2012 ގައި "ހޯމް އެލޯން: ދަ ހޮލިޑޭ ހައިސްޓް"އާއި 2021 ގައި "ހޯމް ސްވީޓް ހޯމް އެލޯން" ވެސް ރިލީޒްކުރި އެވެ.