ޑިސެމްބަރު 4 ވަނަ ދުވަހު ބޮލީވުޑްގެ ދެ ފިލްމެއް އެއް ދުވަހެއްގައި ރިލީޒްކުރަން ހަމަޖެހިފައިވާތީ އެކަމާ ވަރަށް ބޮޑަށް ދެރަވާ ކަމަށް މަޝްހޫރު އެކްޓަރު ސަލްމާން ޚާން ބުނެފި އެވެ.

އެ ދުވަހު ރިލީޒްކުރާ ސަލްމާންގެ ހަނގުރާމަމަތީ ޑްރާމާ "މާތުރްބޫމީ: މޭ ވޯ ރެސްޓް އިން ޕީސް"އާއި ޝްރައްދާ ކަޕޫރުގެ "އީތާ" އެއް ދުވަހެއްގައި ނެރެން އުޅޭކަން ކުރިން އެނގުނު ނަމަ، އެ ތާރީހު ނުނެގީސް ކަމަށް އޭނާ ވަނީ ހާމަކޮށްފަ އެވެ.

ހައިދަރުއާބާދުގައި "އޭބީޕީ" އިން ބޭއްވި ސަމިޓެއްގައި ވާހަކަ ދައްކަމުން ސަލްމާން ބުނީ، ޑިސެމްބަރު 4 ގައި "މާތުރްބޫމީ" ނެރޭނެކަން އިއުލާން ކުރިއިރު، ހަމަ އެ ދުވަހު ޝްރައްދާގެ ފިލްމު ރިލީޒްކުރާކަން އޭނާއަށް އެނގިފައި ނެތް ކަމަށެވެ.

"ޑިސެމްބަރު 4 ވަނަ ދުވަސް އަޅުގަނޑުމެން އިޢުލާންކުރިއިރު، ހަމަ އެ ދުވަހު ޝްރައްދާގެ ފިލްމު ނެރޭކަމެއް ނޭނގޭ. އެކަމާ ވަރަށް ދެރަވަން. އެނގުނު ނަމަ، ޝްރައްދާގެ ފިލްމާއެކު މިފިލްމެއް ނުނެރޭނަން." ސަލްމާން ބުންޏެވެ.

ބޮކްސް އޮފީހުގައި މި ދެ ފިލްމު ވާދަކުރަން ޖެހުނު ނަމަވެސް، ޝްރައްދާ ވަނީ އެކަމާ މެދު ވަރަށް ހިތްހެޔޮކަމާއެކު ވާހަކަދައްކައި، ދެ ފިލްމަށް ވެސް ސިނަމާތަކުގައި ޖާގަ އޮންނާނެ ކަމަށް ބުނެ ހިތްވަރު ދީފަ އެވެ.

އެއް ދުވަހެއްގައި ރިލީޒްކުރާތީ ބޮކްސް އޮފީހުގެ ވާދަވެރިކަމެއް އޮތް ނަމަވެސް، ސަލްމާން ވަނީ ޝްރައްދާގެ "އީތާ" އަށް ހާމަކަން ބޮޑު ގޮތެއްގައި ތާއީދުކޮށްފަ އެވެ.

ޕަބްލިކް އިވެންޓެއްގައި ވާހަކަ ދައްކަމުން ސަލްމާން ވަނީ އެންމެން ވެސް ގޮސް އެ ފިލްމު ބަލަންޖެހޭ ކަމަށް ބުނެ، "އީތާ" ބެލުމަށް ބެލުންތެރިންނަށް ގޮވާލާފަ އެވެ.

މީގެ އިތުރުން، މީގެ ކުރިން ވެސް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި "އީތާ"ގެ ޕޯސްޓަރު ހިއްސާކޮށް، "އޯލް ދަ ބެސްޓް ފޯ އީތާ" ޖަހައި ޓީމަށް ކާމިޔާބީއަށް އެދިފައިވެ އެވެ.

ސަލްމާން ބުނީ، ކުރިން ނޮވެމްބަރު 20 އަދި ނޮވެމްބަރު 27 ގައި އޭނާގެ ފިލްމު ނެރެން ވިސްނި ނަމަވެސް، ސްކްރީނިންއެއްގައި ވިޝުއަލް އިފެކްޓްސް (ވީއެފްއެކްސް)އާ ގުޅޭ މައްސަލަތަކެއް ފާހަގަވުމުން އިތުރު ވަގުތު ބޭނުންވީ ކަމަށެވެ.