ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި މިހާރު 50 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި އަމާޒަކީ މި އަހަރު ނިމޭ އިރު، 100 މިލިއަން ޑޮލަރު ހަމަ ކުރުން ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝަފީގު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި އިރުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަނީ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު ވެސް ބިލްޑުކުރެވޭތޯ. 17 ނޮވެމްބަރުގައި ދެ މިލިއަންގައި ހުރި ފަންޑު މިއަދާ ހަމައަށް އައި އިރު މިވަނީ އެ ފަންޑު 50 މިލިއަން ޑޮލަރަށް އިތުރު ކުރެވިފައި." ޝަފީގު ވިދާޅުވި އެވެ.
ޝަފީގު ވިދާޅުވީ އަމާޒަކީ މި އަހަރު ނިމޭ އިރުގައި އެ ފަންޑަށް 100 މިލިއަން ޑޮލަރަށް ހެދުން ކަމަށެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ބޭރުން ނަގާ ލޯނުތައް ދެއްކުމަށްޓަކައި ފައިސާ ޖަމާކުރުމަށް އުފެއްދި ފަންޑެކެވެ. ކޮވިޑް-19 ގެ ދުވަސްވަރުގައި ރާއްޖެ އަށް އާމްދަނީ ލިބުން އެއްކޮށް ހުއްޓުމާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ވަނީ އެ ފަންޑުގައި ހުރި ޑޮލަރުތައް މާރުކޮށްފަ އެވެ.