ނިއު ދިއްލީ (ޖޫން 4) - ނިމިގެން ދިޔަ ދިގު އިންތިޚާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ކުރިން ލަފާކުރިވަރާ ގާތަށް ވެސް ގޮނޑި ލިބިފައެއް ނުވެ އެވެ. ނަމަވެސް ކޯލިޝަން ޕާޓްނަރުންގެ ތާއީދާ އެކު ސަރުކާރެއް އެކުލަވާލެވޭވަރު ވަނީ ކޮށްފަ އެވެ.

އިންޑިއާގެ ޕާލަމެންޓުގެ ދަށުގޭ ނުވަތަ ލޮކް ސަބާގައި އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ހޯދީ ބީޖޭޕީންނެވެ. ނަމަވެސް އެ ޕާޓީ އެކަނި ސަރުކާރެއް އެކުލަވާލެވޭވަރަށް ގޮނޑި ހޯދިފައެއް ނުވެ އެވެ. ސަރުކާރެއް އުފައްދަން ޕާލަމެންޓުގެ 543 ގޮނޑީގެ ތެރޭން މަދުވެގެން 272 ގޮނޑި ހޯދަން ޖެހެ އެވެ. ބީޖޭޕީ އަށް މި ފަހަރު ލިބުނީ 240 ގޮނޑި އެވެ. ނަމަވެސް ނޭޝަނަލް ޑިވެލޮޕްމަންޓް އެލަޔަންސް (އެންޑީއޭ) ކޯލިޝަން ޕާޓީތަކާ އެކު 290 ގޮނޑި ހަމަކުރެވި އަޣުލަބިއްޔަތު ވަނީ ހޯދައިފަ އެވެ.

އިންތިޚާބުގެ ކުރިން ބީޖޭޕީން އަމާޒު ހިފީ އެ ޕާޓީ އެކަނި 370 ގޮނޑި ނެގުމަށެވެ. އަދި ކޯލިޝަނުގެ ތާއީދާ އެކު 400 ގޮނޑި ހޯދުމަށެވެ. ނަމަވެސް އެ އަމާޒާ ކައިރިވެސް މިފަހަރު ނުވެ އެވެ. ދެހާސް ސާދަ އަދި 2019 ވަނަ އަހަރު ބީޖޭޕީން އެކަނި ވަނީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދައިފަ އެވެ. ދެހާސް ނަވާރަ ވަނަ އަހަރު ބީޖޭޕީ އެކަނި ވަނީ 303 ގޮނޑި ކަށަވަރުކޮށްފަ އެވެ. އެ އިންތިޚާބުގައި ކޮންގްރެސް އަށް ލިބިފައި ވަނީ 52 ގޮނޑި އެވެ.

މި ކާމިޔާބީ އަށް ފަހު މޯދީ އަކީ، ޖަވާހަރުލާލް ނެހްރޫ އަށް ފަހު ޖެހިޖެހިގެން ތިން ފަހަރު އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވާ ފުރަތަމަ ލީޑަރެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީ އިސްވެ އުފައްދާފައިވާ އިންޑިއާ އެލަޔަންސުން ވަނީ 230 ގޮނޑި މިފަހަރު ހޯދައިފަ އެވެ.

ބީޖޭޕީ އަށް ކޯލިޝަނުގެ ތާއީދާ އެކު ކުރި ހޯދުނު ނަމަވެސް އެ ކޯލިޝަން ދެމެހެއްޓުމުގައި ނިޓިޝް ކުމާރު ލީޑަރުކަން ކުރައްވާ ބިހާރު ސްޓޭޓުގެ ޖަނަތާ ދާލް ޔުނައިޓެޑް (ޖޭޑީޔޫ) އާއި ޗަންދުރަބާބޫ ނައިދޫ ލީޑަރުކަން ކުރައްވާ ދެކުނުގެ އަންދުރަ ޕްރަދޭޝްގެ ތެލުގު ދެސަމް ޕާޓީ (ޓީޑީޕީ) ގެ ތާއީދު ވަރަށް މުހިންމެވެ. މި އިންތިޚާބުގައި 16 ގޮނޑި ހޯދި ޑީޓީޕީ އާއި 12 ގޮނޑި ހޯދި ޖޭޑީޔޫ އަކީ ކުރިން ކޮންގްރެސް ކޯލިޝަނުގައި ހިމެނުނު ދެ ޕާޓީ އެވެ.

މި އިންތިޚާބުގައި ބީޖޭޕީ އަށް ފުރަތަމަ ފަހަރަށް ކެރެލާ އިން ވަނީ ގޮނޑިއެއް ލިބިފަ އެވެ. އެކަމަކު އިންޑިއާގެ މެދުތެރޭގައި ހިންދީ ބަހުން ވާހަކަ ދައްކާ ސްޓޭޓްތަކުން ބީޖޭޕީ އަށް އޮތް ތާއީދު ވަނީ ދަށްވެފަ އެވެ.

ކާމިޔާބީ ފާހަގަ ކުރެއްވުމަށް މޯދީ މިރޭ ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:ރޮއިޓާސް

އިންޑިއާގެ އެންމެ ބޮޑު ސްޓޭޓް އުއްތަރަ ޕްރަދޭޝް ފައިޒައާބާދުގެ ގޮނޑި ބީޖޭޕީ އަށް ވަނީ ގެއްލިފަ އެވެ. މިއީ 16 ވަނަ ގަރުނުގެ ބާބްރީ މިސްކިތް ހުރި ސަރަހައްދެވެ. އެ މިސްކިތް ތަޅާލުމަށް ފަހު އެ ތަނުގައި ވަނީ ހިންދޫގެ ރާމް ފައްޅި ބިނާކޮށް މިދިޔަ ޖެނުއަރީ މަހު ހުޅުވައިފަ އެވެ. މިއީ ހިންދޫންގެ ވޯޓު ހޯދުމަށް މޯދީ ކުރެއްވި ކަމެކެވެ.

މަހާރާޝްތުރާ އިން ވެސް ބީޖޭޕީ އަށް ވަނީ ނާކާމިޔާބުވެފަ އެވެ.