މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ދައުލަތަށް 14.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ އެންމެ ފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން މިދިޔަ މެއި މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 707 މިލިއަން ރުފިޔާ އިތުރު ކަމަށެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ 5 މަސް ދުވަސް ތެރޭ ދައުލަތަށް ލިބިފައި ވަނީ 14.1 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ 5 މަސް ދުވަސް ތެރޭ އާމްދަނީގެ ގޮތުގައި ލިބިފައިވާ 14.8 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 12.1 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 2.6 ބިލިއަން ރުފިޔާ އާއި އެހީގެ ގޮތުގައި ލިބުނު 155.5 މިލިއަން ރުފިޔާ އެވެ.
ޓެކްސް އާމްދަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީއާއި ގުޑްސް އެންޑް ސާވިސް ޓެކްސް، ޖީއެސްޓީގެ ގޮތުގައި ދެއްކި އާމްދަނީ އެވެ.
ޓެކްސް އާމްދަނީގެ ހިސާބުތައް:
- އިމްޕޯޓް ޑިއުޓީ: 1.1 ބިލިއަން ރުފިޔާ
- ބީޕީޓީ: 2.8 ބިލިއަން ރުފިޔާ
- ޖީއެސްޓީ: 7 ބިލިއަން ރުފިޔާ
- ގްރީން ޓެކްސް: 501.2 މިލިއަން ރުފިޔާ
- އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސް: 475.6 މިލިއަން ރުފިޔާ
އެ މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާ އަޅާ ބަލާއިރު ދައުލަތުގެ ޚަރަދުތައް ވަނީ ކުޑަވެފަ އެވެ. އެގޮތުން އަހަރުގެ ފުރަތަމަ 5 މަސް ނިމުނުއިރު ދައުލަތުގެ ހަރަދުތައް ހުރީ 17.3 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުވެފައިވާ 19.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 13.7 ބިލިއަން ރުފިޔާ އާއި، ކެޕިޓަލް ޚަރަދަށް ހިނގި 3.5 ބިލިއަން ރުފިޔާ އެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 5.4 ބިލިއަން ރުފިޔާއާއި، އިދާރީ ހިންގުމަށް ހިނގާފައިވާ 8.1 ބިލިއަން ރުފިޔާއެވެ. ކެޕިޓަލް ޚަރަދުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އުމްރާނީ ތަރައްގެގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދެވެ.