ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާންގެ މައްޗަށް ކުރި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިއަށް ނުގެންދަން ނިންމައި އެކަން އޭނާ އަށް އަންގައިފި އެވެ.

ރިޝްވަތުގެ ހަތަރު ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާއެއް ނިހާންގެ މައްޗަށް ކުރީ 2019 ވަނަ އަހަރު އެވެ. ނިހާން އާ ދެކޮޅަށް ކުރި ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި އޭނާގެ ޝަރީއަތްތަކެއް ވެސް ހިނގި އެވެ.

އެކަމަކު، އެ މައްސަލަ ވަނީ ނުނިމި ދިގުލައިގެން ގޮސްފަ އެވެ.

ޕީޖީ އޮފީހުން މިދިޔަ ހޯމަ ދުވަހު ނިހާނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ މައްސަލަ އެ އޮފީހުން މުރާޖައާ ކުރުމަށްފަހު އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.

ނިހާންގެ މައްސަލަތައް ކުރިއަށް ނުގެންދަން ނިންމި އިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް އޭނާ މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެ މަގާމަށް ނިހާން އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ މަޖިލީހުގެ ރައީސްގެ މަސައްކަތަށް އެހީތެރިވުމަށްޓަކައި ތިން މުވައްޒަފަކު ނެގުމުގެ ބާރު މަޖިލީހުގެ ރައީސަށް އޮވެ އެވެ.

ނިހާން އެ މަގާމަށް ހަމަޖެއްސެވުމުން އޭނާ އިއްޔެ އިން ފެށިގެން ވަޒީފާއަށް ނިކުންނަން ފައްޓަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

މަޖިލީހުގެ ބިއުރޯ ޗީފަކަށް ކުރިން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު ފާތިމަތު މުހައްމަދު ސޯލިހެވެ.