އިންޑިއާގެ ލަކަނޫގައި ހުންނަ ގެއަކަށް ވައްކަން ކުރަން ވަދެ އުޅުނު ވަގެއް، އެގޭގެ ކޮޓަރިއެއްގައި ނިދިފައި އޮއްވައި ފުލުހުން ގޮސް އޭނާއަށް ގޮވައި، ހޭލައްވައިގެން ހައްޔަރުކޮށްފި އެވެ.

މިގެއަކީ ލަކަނޫގެ ބަލްރާމް ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރެއް ކަމަށްވާ ޑރ. ޕާންޑޭ ދިރިއުޅޭ ގެ އެވެ. އެ ހާދިސާ ހިނގިއިރު ޑޮކްޓަރު ހުރީ އެގެއާ ދުރު ހިސާބެއްގައިވާ ވަރުނާސީ އަވަށުގަ އެވެ. އަވަށްޓެރިންނަށް އެގޭގައި ވަގަކު އުޅޭކަން ޝައްކުވީ ޑޮކްޓަރު ނެތި އެގޭ ދޮރު ހުޅުވިފައި ހުރުމުންނެވެ.

ހުޅުވިފައި ހުރި ދޮރުން ގޭތެރެއަށް ބަލާލިއިރު ފެނުނީ އެގޭގައި ހުރި ތަކެތި ހުރީ އެތަންމިތަނަށް އުކައި ހާވާ ހަދާފައިވާ ތަނެވެ. އެމީހުންގެ ޝައްކު ޔަގީންވުމުން ފުލުހުންނަށް ގުޅި އެވެ. މާގިނައިރެއް ނުވެ އެގެއަށް ފުލުހުން އައިއިރު ވަގުކަލޭގެ އޮތީ ކޮޓަރިއެއްގައި އޭސީ ޖައްސައިގެން ވަގަށް ނެގި ސާމާނު ވެސް ހިފަހަށްޓައިގެން ނިދިފަ އެވެ.

ފުލުހުން އޭނާ އަށް ގޮވައި ވަގުތުން ޖަލަށް ގެންދިޔަ އެވެ. ކަޕިލް ނަމަކަށް ކިޔުނު އެމީހާ ޑޮކްޓަރުގެ އަލަމާރި ފަޅާލައިފައިވާ ކަމަށާއި އަދި އެގޭ ފެންޕަންޕާއި، މޫނުދޮންނަ ތައްޓާއި، ގޭސް ސިލިންޑަރު ވެސް ގެންދަން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.