މިއުނިކް (8 ޖޫން) – ޔޫރޯއަށް ތައްޔާރުުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ ފަހު މެޗުގައި ގްރީސް އަތުން ފަހަތުން އަރައި 2-1 އިން ޖަރުމަން ރޭ މޮޅުވެއްޖެ އެވެ.

ޖަރުމަންގައި މި މަހުގެ 14 ވަނަ ދުވަހު ފަށާ ޔޫރޯއަށް ތައްޔާރުވުމަށް ކުޅުނު ފަހު މެޗު ވެގެންދިޔައީ ޖަރުމަނަށް އުނދަގޫ މެޗަކަށެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަންގެ ފަރާތުން ގިނަ މިސްޓޭކްތަކެއް ފެނިގެންދިޔަ އެވެ.

މެޗުގެ 33 ވަނަ މިނިޓުގައި ގްރީސް އިން ލީޑު ނެގީ ޖިއޯޖޮސް މަސޫރާސް ޖެހި ލަނޑުންނެވެ. ގްރީސްގެ ކްރިސްޓިއަން ޓިޒޯލިސް ފޮނުވާލި ޝޮޓް ނޯޔާ ދިފާއުކުރި ނަމަވެސް، އޭނާ އަށް އެ ބޯޅަ ޖައްސާލެވުނީ މަސޫރާސްގެ ފައި ބުޑަށެވެ.

އެކަމަކު މެޗުގެ ދެވަނަ ހާފުގައި ފެނުނީ ތަފާތު ޖަރުމަން ޓީމެކެވެ. ދެވަނަ ހާފަށް ޖަރުމަންގެ ކޯޗު ޖޫލިއާން ނާގެލްސްމަން ވަނީ ފަސް ބަދަލު ގެނެސްފަ އެވެ. އަދި ޖަރުމަންގެ ޓީމުން އެޓޭކަށް އިސްކަން ދީގެން ކުޅެން ފެށި އެވެ.

މެޗުގެ 55 ވަނަ މިނިޓުގައި ޖަަރުމަނަށް ނަތީޖާ ހަަމަަހަމަކޮށްދިނީ އާސެނަލްއަށް ކުޅޭ ފޯވަޑް ކައި ހަވާޓްޒް އެވެ.

ޖަރުމަންގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ރޮއިޓާސް

ޖަރުމަން މޮޅުވި ލަނޑު މެޗުގެ 89 ވަނަ މިނިޓުގައި ޖެހީ ޕަސްކާލް ގްރޮސް އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ނާގެލްސްމަން ބުނީ މެޗުގެ ފުރަތަމަ ހާފުގައި ދިމާވި މައްސަލަތައް ހައްލުކުރަން ދެވަނަ ހާފުގައި ކުރި މަސައްކަތް ކާމިޔާބު ކަމަށެވެ.

"ފުރަތަމަ ހާފުގައި ޓީމު ފެނުނީ މާ ސްލޯކޮށް. ދެވަނަ ހާފަށް އެކަން ހައްލުކުރިން،" ނާގެލްސްމަން ބުންޏެވެ.

މި މަހު 14 ވަނަ ދުވަހު ޖަރުމަންގައި ފަށާ ޔޫޔޯގެ ފުރަތަމަ މެޗުގައި ޖަރުމަނާ ދެކޮޅަށް ނުކުންނާނީ ސްކޮޓްލެންޑެވެ. މި ގުރޫޕްގައި ދެން އޮތީ ހަންގޭރީ އަދި ސްވިޓްޒަލޭންޑެވެ.