މި އަހަރުގެ ޔޫރޯއަށް އިޓަލީ ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. އެކަމަކު 2021 ވަނަ އަހަރު އޮތް ޔޫރޯ 2020ގެ ތަށި އިޓަލީން ހޯދި ފަހުން ފާއިތުވެގެންދިޔަ ތިން އަހަރުގައި އިޓަލީގެ ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.

ޔޫރޯ ކާމިޔާބުކޮށްދިން ކޯޗު ރޮބާޓާ މަންޗީނީ ވަނީ ފަސް އަހަރަށް ފަހު އެ މަގާމުން ވަކިވެފަ އެވެ. ޔޫރޯގައި އިޓަލީގެ ޑިފެންސްލައިން ބެލެހެއްޓި ޖޯޖީނިއޯ ކިއެލީނީ އާއި ލިއޮނާޑޯ ބޮނޫޗީ އާޢި މިޑްފީލްޑަރު މާކޯ ވެރާޓީ އާއި ފޯވަޑް ލޮރެންޒޯ އިންސިންޔޭ އަދި ޑެމޮނީކޯ ބެރާޑީ މި ފަހަރުގެ މުބާރާތުގައި ނުފެންނާނެ އެވެ.

ޔޫރޯ އަށް ކޮލިފައިވުމުގެ އަމާޒު ކަނޑައަޅައިގެން، އިޓަލީން އެ ޓީމުގެ ކޯޗުކަން ހަވާލުކުރީ އިޓަލީގެ ތަޖުރިބާކާރު ކޯޗު ލޫސިއާނޯ ސްޕަލެޓީއާ އެވެ. ނަޕޯލީގެ ކޯޗުކަން ސްޕަލެޓީ ،65، ދޫކޮށްލީ އަރާމުކުރަން ވަގުތު ބޭނުންވާ ކަމަށް ބުނެ އެވެ. އެކަމަކު އިޓަލީގެ ގައުމީ ޓީމުގެ ކޯޗަށްވުމުގެ ފުރުސަތު ލިބުމަކީ ސްޕަލެޓީއަށް ދޫކޮށްލެވޭވަރުގެ ފުރުސަތެއް ނޫނެވެ. އިޓަލީގެ ގައުމީ ޓީމުގެ ކޯޗަކަށްވުމަކީ އޭނާ އަބަދުވެސް ދެކެމުންއައި ހުވަފެނެކެވެ.

ޔޫރޯއަށް އިޓަލީ ކޮލިފައިވީ އުނދަގޫތަކާއެކުއެވެ. ކޮލިފައިންގެ ގުރޫޕްގައި އިޓަލީއަށް ލިބުނީ ދެވަނަ އެވެ. އެކަމަކު މުބާރާތަށް ކޮލިފައިވުމާއެކު ސްޕަލެޓީގެ ފުރަތަމަ އަމާޒު ހާސިލްކުރެވުނެެވެ.

އެހެން ނަމަވެސް ޔޫރޯގައި ކުރިއަށް ދިއުމަށް އިޓަލީއަށް އެންމެ ފުރަތަމަ ވެސް އޮތީ އުނދަގޫ ގުރޫޕެކެވެ. ޔޫރޯގައި އިޓަލީއާއެކު އޮތީ ސްޕެއިން އާއި ކްރޮއޭޝިއާ އަދި އަލްބޭނިއާ އެވެ.

މި އަހަރުގެ ޔޫރޯއަށް އިޓަލީ އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ނިކުތަސް، އިޓަލީ އަކީ ފޭވަރިޓެއް ނޫން ކަމަށް ސްޕަލެޓީ ވެސް ގަބޫލްކުރެއެވެ. އެންމެ ބޮޑު ސަބަބަކީ އިޓަލީގެ ޓީމުގައި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން މަދުވުމެވެ.

އިޓަލީގެ ޓީމާ ގުޅޭގޮތުން ތަޖުރިބާކާރު ކޯޗު ކާލޯ އެންޗަލޮޓީ ބުނީ އެ ޓީމުގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮނަރޫމާ ފިޔަވައި، ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް އެ ޓީމުން ނުފެންނަ ކަމަށެވެ.

އެހެންކަމުން ސްޕަލެޓީގެ ވިސްނުމަކީ އިޓަލީގެ ޓީމުގެ ރޫހު ވަރުގަދަކޮށް، މާޒީގެ ކާމިޔާބީތަކުން ހިތްވަރު ހޯދައި، ޔޫރޯގައި ކުރިއަށް ދިއުމެވެ.

އިޓާލީގެ ސްކޮޑުގައި އާ މޫނުތައް ގިނަ އެވެ. އަދި ސްޕަލެޓީ އަކީ ބަލާ ހިތްވާފަދަ ސްޓައިލެއްގެ ގޭމެއް ކުޅުވާ ކޯޗެކެވެ. އެކަމަކު އޭނާ އަށް އަބަުވެސް ކުރިަމތިވާ ފާޑުކިއުމަކީ މޮޅަށް ކުޅުނު ނަމަވެސް ތައްޓެއް ނުލިބުމެވެ. އެކަމަކު މި ފަަހަރުގެ ޔޫރޯގައި ތަށި އިޓާލީން ކާމިޔާބުކޮށްފިނަމަ، ސްޕަލެޓީއަށް އެންމެ އާންމުކޮށް އަމާޒުވާ ފާޑުކިއުންތަކަށް ޖަވާބު ދެވޭނެ އެވެ.