ކޮވިޑް-19 އާ ގުޅިގެން ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ސަރުކާރުން ހިންގާފައިވާކަން އިތުރު އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެ އެވެ.

މިފަހަރު އޮޑިޓާ ޖެނެރަލް ނެރުއްވީ ކޮވިޑް-19 އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓެވެ.

އެންޑީއެމްއޭގެ އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ ކަރަންޓީނު ފެސިލިޓީތަކާއި ހާލުގައި ޖެހުނު މީހުންނަށް ފޯރުކޮށްދިން ކާބޯތަކެތި ގަނެފައި ވަނީ އިކޮނޮމިކް މިނިސްޓްރީން ކޮންޓްރޯލް ކުރި އަގަށްވުރެ ބޮޑުކޮށް ކަމަށެވެ.

އެންޑީއެމްއޭ އިން ހަނޑޫ، ހަކުރު، ފުށް، ފިޔާ އަދި މުގު ގަނެފައިވަނީ، އަސްލު ޖެހޭ ޖުމްލަ އަގަށްވުރެ 23،457 ރުފިޔާ އަގުބޮޑުކޮށް ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

މީގެއިތުރުން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ތެރެއިން ބައެއް ތަކެތި ގަނެފައި ވަނީ އެތަކެތި އާންމުކޮށް ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ އެތައް ގުނައެއް ބޮޑުކޮށްކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ވަޅޯމަސް، މަސްދަޅު ކޭސް، ރިހާކުރު، މިލްކް ޕައުޑަރު، އަސޭމިރުސް، ހިކިމިރުސް، މޭވާ، ލުއި ބުއިން، ތާޒާ ކަނޑު މަސް އަދި ޗިކަން ބޭކަން ގަނެފައިވަނީ އަސްލު ޖެހޭ ޖުމްލަ އަގަށްވުރެ 224،546 ރުފިޔާ އަގުބޮޑުކޮށެވެ.

އޮޑިޓް ރިޕޯޓުގައި އަންގާފައި ވަނީ އިކޮނޮމިކް މިނިސްޓްރީން އަގު ކޮންޓްރޯލްކޮށްފައިވާ ތަކެއްޗަށް އިތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދައި ދައުލަތުގެ މާލިއްޔާއަށް އަނބުރާ ޖަމާކުރުމަށެވެ.

އެ ރިޕޯޓުގައި ލަފާދީފައި ވަނީ ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ތަކެތި ވިއްކި ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމަށެވެ.

ދަރުބާރުގޭގައި ގާއިމްކުރި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ކެއުމަށް މަހެއްގެ މައްޗަށް 1،457،719 ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އެންއީއޯސީގެ މަސައްކަތް ފެށީ މާޗު މަހުގެ ތިންވަނަ ދުވަހުއެވެ. ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކެއުމަށް އެތަނުން 5،902،877 ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

މީގެއިތުރުން އެސްޓީއޯ މެދުވެރިކޮށް ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ގެނައި 22 މިލިއަން ރުފިޔާގެ ސާމާނުގެ ތެރެއިން ލިބުނީ ކޯއްޗެއްކަން އަދި ނުލިބެނީ ކޯއްޗެއްކަން ކަށަވަރުކުރެވޭނެ އެއްވެސް ގޮތެއް ނެތްކަން ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.