ބޮލީވުޑްގެ ކުރީގެ އެކްޓްރެސް ޝިލްޕާ ޝެޓީއާއި އޭނާގެ ފިރިމީހާ ރާޖް ކުންދްރާއަކީ ދޭތެރެ ދޭތެރެއިން ގާނޫނީ މަޅިތަކުގައި ޖެހޭ ދެމަފިރިންނެވެ.

އެގޮތުން އެންމެ ފަހުން މީޑިއާއަށް ތިލަވެފައި މިވަނީ އެ ދެމަފިރިންގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ މައްސަލަ އެކެވެ.

ހަބަރުތައް ބުނާ ގޮތުގައި މިފަހުން ޝިލްޕާގެ ދެމަފިރިން ފެށި ރަނުގެ ވިޔަފާރީގެ ދަށުން ހުށައަޅާފައިވާ "ގޯލްޑް ސްކީމް"އަކީ ޚިޔާނާތެކެވެ.

އެ ސްކީމްގެ ދަށުން ޑިސްކައުންޓް އަގެއްގައި އިންވެސްޓަރުން ރަނަށް ފައިސާ ދައްކާ ވަކި މުއްދަތެއްގެ ފަހުން އެ ރަން ފުރިހަމަ އަގާއެކު އިންވެސްޓަރަށް އަނބުރާ ލިބެ އެވެ.

އެހެން ނަމަވެސް އެ ސްކީމްގައި ބައިވެރިވި އިންވެސްޓަރަކަށް ކަނޑައެޅިފައިވާ ތާރީހުގައި ރަން ނުލިބުމުން އޭނާ ވަނީ މުމްބާއީގެ ކޯޓަކަށް އެ މައްސަލަ ހުށައަޅާފަ އެވެ.

އެއާއެކު އެ ކޯޓުން ވަނީ މުމްބާއީގެ ފުލުހަށް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން އަންގާފަ އެވެ. މިހާރު މައްސަލަ އޮތީ ތަހުގީގު މަރުހަލާގަ އެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ އެންމެ ފަހުން ރާޖްގެ މައްޗަށް އުފުލުނު އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް އެއްކޮށް ނުނިމި އުޅެނިކޮށެވެ.