މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށް ގެންދިޔަ "ދިރާގު އީދު ބޮނޑިބަތް" ހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އީދު ނަމާދަށް ފަހު ކުރިއަށް ގެންދިޔަ "ދިރާގު އީދު ބޮނޑިބަތް" ހަރަކާތް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ އެވެ.
އެ ކުންފުނިން ބުނިގޮތުގައި ހުޅުމާލޭގައި އީދު ބޮނޑިބަތް ހަރަކާތް ބާއްވާފައި ވަނީ ހޮސްޓިން ޕާޓްނަރުގެ ގޮތުގައި ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެންނެވެ. އަދި މާލެ އާއި ވިލިމާލޭގައި އީދު ބޮނޑިބަތް ކުރިއަށް ގެންގޮސްފައި ވަނީ މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާ ގުޅިގެން ކަމަށް ދިރާގުން ބުނެ އެވެ.
މިއީ ދިރާގުން އީދު ބޮނޑިބަތް މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ދެވެނަ އަހަރު ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ދިރާގުގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދު ވިދާޅުވީ ދިރާގު އީދު ބޮނޑިބަތަށް މިފަހަރު ވެސް އާންމުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
" އަޟްހާ އީދަކީ އަޅުގަނޑުމެންގެ މުޖުތަމައުތަކުގައި ވަރަށް ޚާއްސަ އިސްކަމެއްދީގެން އުފާފާޅުކުރުމުގެ ހަރަކާތްތަކެއް ކުރިއަށްގެންދާ ދުވަސްވަރަކަށް ވާއިރު މުޖުތަމައުގައި ޒަމާނުއްސުރެ އޮންނަ އިޖްތިމާއީ ރޫހު އާލާކުރުވާ މިފަދަ ހަރަކާތްތަކަށް ރާވާ ހިންގުމަކީ އަޅުގަނދުމެންވެސް ވަރަށް އަހައްމިއްޔަތުކަން ދޭ ކަމެއް،" ޖައިޝަން ވިދާޅުވި އެވެ.
ދިރާގު އީދު ބޮނޑިބަތް ހަރަކާތުގެ އިތުރުން ދިރާގުން އެޗްޑީސީ އަދި މާލޭ ސިޓީ ކައުންސިލާއި މާލޭ ސިޓީ ޑަބްލިއުޑީސީއާ ގުޅިގެން މިއަދާއި މާދަމާ މާލޭ ސިޓީ ސަރަހައްދުގައި އީދުގެ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން ދިރާގުން އެކި ރަށު ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން މާލޭގެ ދެކުނުން ފެށިގެން އުތުރުގެ އެކި ރަށްރަށުގައި ތަފާތު އީދު ކުޅިވަރުތަށް ބޭއްވުމަށް އެއްބާރުލުންދީފައިވާ ކަމަށް ވެސް ދިރާގުން ބުނެ އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ތަފާތު ގިނަ އިޖްތިމާއީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށެވެ.