ހދ. ހަނިމާދޫ ގެއެއްގެ ތެރޭގައި ދިވެއްސަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

މަރުވެފައި އޮއްވައި ފެނިފައި ވަނީ އަހްމަދު ޖަލީލު (ޖައްލެ) ނަމަކަށް ކިޔާ ދިވެއްސެކެވެ.

ފުލުހުން ބުނީ ހަނިމާދޫ ގެއެއްގެ ކޮޓަރިއެއްގައި ކުއްޔަށް އުޅޭ މީހަކު ރޭ ކޮޓަރިއަށް ވަތް ގޮތަށް ހަބަރެއް ނުވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެގެއަށް ގޮސް ބެލިއިރު، އެއްވެސް ހަރަކާތެއް ނެތް މީހަކު އެނދުމަތިން ފެނުނު ކަމަށެވެ.

އަދި ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހަނިމާދޫގައި އަމިއްލަ ވިޔަފާރިއެއް ވެސް ކުރަމުން އަންނަ ޖައްލެ ވަނީ ހަނިމާދޫގެ އިތުރުން ބައެއް ރަށްތަކުގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަންކޮށްފަ އެވެ. ހާއްސަކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އޭނާ ވަނީ ގިނަ ހިދުމަތްތަކެއް ކޮށްދީފަ އެވެ. އޭނާ ދަންނަ ބައެއް މީހުން ބުނާ ގޮތުގައި އެއީ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ.