ބެއިރޫތް (23 ފެބްރުއަރީ) - ލުބުނާންގައި ކުރިއަށް ގެންދާ ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ފަންޑުކުރުން ހުއްޓާލާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ދީފި އެވެ.

ވޯލްޑް ބޭންކުން މިގޮތަށް އިންޒާރުކޮށްފައި ވަނީ ލުބުނާންގައި ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ލުބުނާންގެ މަޖިލިސް މެމްބަރުން މަޖިލިސްކުރާ ގޭގައި އުސޫލުތަކާ ހިލާފަށް ކޮވިޑް ވެކްސިން ޑޯޒް ޖެހުމަށް ނިންމާފައިވާ ކަމުގެ އަޑުތަކެއް ފެތުރުމާ ގުޅިގެންނެވެ.

ވޯލްޑް ބޭންކުން ވަނީ ފައިޒާ އަދި ބަޔޯ އެން ޓެކުން އުފައްދާފައިވާ ކޮވިޑް ވެކްސިންގެ 28،000 ޑޯޒް ލުބުނާނަށް މި މަހުގެ ތެރޭގައި ފޮނުވާފަ އެވެ. އަދި މި ވެކްސިން ދެވޭ ގޮތާއި އަދި ކުރިއަށްދާ ގޮތް ވޯލްޑް ބޭންކުން މޮނިޓާ ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ލުބުނާންގައި ވެކްސިނާ ގުޅިގެން ޝަކުވާތައް އިތުރުވެފައި ވަނީ ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އުމުރު ފުރައިގެ މީހުންނާއި، އެންމެ ބޮޑަށް ވެކްސިން ބޭނުން ޖެހިފައިވާ މީހުން ތިއްބައި އެމީހުންނަށް ވެކްސިން ނުލިބި މިކެޓަގަރީގައި ނުހިމެނޭ މީހުން އުސޫލުތަކާއި ހިލާފަށް ވެކްސިން ޖަހަމުންގެންދާތީ އެވެ.

ލުބުނާންގެ އާންމުންނާއި ޑޮކްޓަރުންވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށްދަނީ އެންމެ އެދެވޭ ގޮތަކަށް ނޫންކަމަށާއި އަދި ވަރަށް ބޮޑަށް ތަފާތުކުރުން ގެންގުޅޭކަމަށް ފާހަގަކޮށް އެކަމާއި ގުޅިގެން ޝަކުވާކޮށްފަ އެވެ.

ލުބުނާންގެ ރައްޔިތުންގެ މަޖިލިސް މެމްބަރުން އަންގާރަ ދުވަހު ވެކްސިން ޖަހާނެ ކަމަށް ލުބުނާންގެ މީޑިއާ އިން ރިޕޯޓްކުރުމާއި ގުޅިގެން ވޯލްޑް ބޭންކްގެ ރީޖަނަލް ޑައިރެކްޓާ ސަރޯޖް ކުމާރް ޖަހާ ވަނީ ވެކްސިން ދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ބޭރުން ކަންކަން ކޮށްފައިވާކަން ޔަގީންކުރެވިއްޖެ ނަމަ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ފަންޑްކުރުން ހުއްޓާލަން ޖެހިދާނެ ކަމަށެވެ.

"އަހަރެން ހުރިހާ އެންމެންގެ ކިބައިން އެދެނީ، ކޮންމެ މަގާމެއްގެ ހުރި ކޮންމެ ފެންވަރެއްގެ މީހެއްކަމުގައި ވިޔަސް ވެކްސިން ޖެހުމަށް ރަޖިސްޓާ ކުރުމަށްފަހު އެމީހެއްގެ ވަގުތު ޖެހެންދެން މަޑުކޮށްދިނުމަށް،" އޭނާ ވިދާޅުވި އެވެ.

ލުބުނާންގެ ޑޮކްޓަރުންގެ ޖަމިއްޔާގެ ހެޑް ޗަރަފް އަބޫ ޗަރަފް ވިދާޅުވީ ލުބުނާންގެ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި ކަމަށެވެ.

އޭނާ ވިދާޅުވީ ވެކްސިން ޖެހުމަށް ކަނޑައަޅާފައިވާ ކެޓަގަރީގެ މީހުންނާއި އަދި ވެކްސިން ޖެހުމަށް ރަޖިސްޓާ ވެފައި ނެތް މީހުން ވެކްސިން ޖަހާފައިވާ ކަމަށާއި ނަމަވެސް ވެކްސިން ޖެހުން އެންމެ މުހިންމު މީހުން ކަމަށްވާ އުމުރުން ދުވަސްވީ މީހުންނާއި އަދި ސިއްޙީ ހިދުމަތްތެރިން އަދި ވެކްސިން ނުޖަހާ ކަމަށެވެ.

ލުބްނާންގައި ކޮވިޑް ޖެހިގެން 358،541 ކޭސް ރިޕޯޓް ކޮށްފައިވާއިރު މި ރޯގާގައި 4434 މީހުން ވަނީ މަރުވެފަ އެވެ.