ދުވަހު ނޫސް "މިހާރު"ގެ އެޑިޓަރު އިސްމާއިލް ނަސީރު (އިއްސެ) އަށް މޭޖާ ސްޓްރޯކެއް ޖެހި، އޭޑީކޭގައި ފަރުވާ ދޭން ފަށައިފި އެވެ.

އީދު ޗުއްޓީ އަށް އާއިލާއާ އެކު އުފަން ރަށް، ބ. އޭދަފުއްޓަށް ވަޑައިގެން އުޅުއްވަނިކޮށް އުމުރުން 47 އަހަރުގެ އިއްސެ އަށް ސްޓްރޯކް ޖެހުނީ އިއްޔެ ހަވީރު އެވެ. އޭދަފުށީ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އެއާ އެމްބިއުލެންސްގައި އިއްސެ މާލެ ގެނައީ ރޭ ދަންވަރު އެވެ. މިހާރު އޭނާ އަށް ފަރުވާ ދެނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.

ރާއްޖޭގައި މި ވަގުތު ތިބި އެންމެ ތަޖްރިބާކާރު ނޫސްވެރިންގެ ތެރޭގައި ހިމެނޭ އިއްސެ ވަނީ ނޫސްވެރިކަމުގެ އާއްމު ޚިދުމަތުގެ އިނާމާއި މީޑިއާ ކައުންސިލް އިން ދިން ނޫސްވެރިކަމުގެ ރަން ގަލަން ވެސް ހާސިލް ކުރައްވައިފަ އެވެ. އޭނާ ވަނީ ނޫސްވެރިކަމުގައި 30 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވައިފަ އެވެ.

"އާފަތިސް" ނޫހުން ނޫސްވެރިކަމުގެ ތެރެއަށް ނުކުންނެވި އިއްސެ ވަނީ ކުރީގެ އެއްވަނަ ނޫސް "ހަވީރު"ގެ މެނޭޖިން އެޑިޓަރުކަން ވެސް ކުރައްވައިފަ އެވެ. ކޯޓު އަމުރަކާ ގުޅިގެން އެޕްރީލް 30، 2016 ގައި "ހަވީރު" ބަންދު ކުރުމުން އޭރު އެ ނޫހުގައި މަސައްކަތް ކުރި ނޫސްވެރިން ބަދަލުވީ އެ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހު އުފެއްދި "މިހާރު" ނޫހަށެވެ.