މައްކާ (ޖޫން 24) - މި އަހަރުގެ ހައްޖުގެ އަޅުކަމުގައި 1،301 މީހުން މަރުވެފައިވާ ކަމަށާއި ގިނަ މީހުން މަރުވީ ގަދަ ހޫނުގައި ދުރަށް ހިނގަން ޖެހުމުން ކަމަށް ސައުދީ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.
މިފަހަރުގެ ހައްޖުގައި ގިނައިން މަރުވީ ހައްޖު ވިސާ ނެތި ވަގަށް އެތެރެވެގެން އުޅުނު މީހުން ކަމަށް ސައުދީގެ ރަސްމީ ނޫސް އެޖެންސީން ބުންޏެވެ. މަރުވި މީހުންގެ ތެރޭން ހަތަރު ބައިކުޅަ ތިންބައި މީހުންގެ އަތުގައި ހައްޖު ވިސާއެއް ނެތެވެ. ހައްޖުގެ ވިސާ ނެތް މީހުންނަށް ޖެހުނީ އަރަފާތު ބިމަށް ދިއުމަށް ވެސް ވަރަށް ގަދަ ހޫނުގައި ވަރަށް ދުރަށް ހިނގާށެވެ. ހައްޖު ހުއްދަ ނެތް މީހުންގެ ތެރޭން ވެސް ގިނައިން މަރުވީ އުމުރުން ދުވަސްވީ މީހުންނާއި އެކިއެކި ބަލިތައް ތަހައްމަލް ކުރަމުން ގެންދާ މީހުންނެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން ވަނީ 1.8 މިލިއަން މީހުން އަދާކޮށްފަ އެވެ.
ސައުދީގެ ހެލްތު މިނިސްޓަރު ފަހުދު އަލް ޖަލާޖިލް ވިދާޅުވީ ގަދަ ހޫނުން ރައްކާތެރިވާނެ ގޮތާއި ހޫނުގަދަވުމުން ކަންތައް ކުރަންވީ ގޮތާ ބެހޭ ގޮތުން ހައްޖުވެރިން ވަރަށް ބޮޑަށް ހޭލުންތެރިކޮށްފައިވާނެ ކަމަށެވެ.
ހައްޖުވެރިންނަށް ސިއްހީ ޚިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ މަރުކަޒުތަކުން ވަނީ ގާތްގަނޑަކަށް ބައި މިލިއަން މީހުންނަށް ފަރުވާދީފަ އެވެ. އޭގެ ތެރޭގައި ހައްޖުގެ ހުއްދަ ނެތް 140،000 މީހުން ވެސް ހިމެނެ އެވެ.
މި އަހަރުގެ ހައްޖުގެ ދުވަސްވަރު މައްކާގެ ހޫނުމިން ވަނީ 51.8 ޑިގްރީ ސެލްސިއަސް ވެސް އަރައިފަ އެވެ.
އޭއެފްޕީ ނިއުސް އެޖެންސީން ބުނިގޮތުގައި މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ވަނީ މިސްރުގެ 658 މީހުން މަރުވެފަ އެވެ. އިންޑޮނީޝިއާ އިން 200 މީހުން މަރުވި އިރު އިންޑިއާގެ 98 މީހުން ވަނީ މަރުވެފަ އެވެ. މީގެ އިތުރުން ޕާކިސްތާން، މެލޭޝިއާ، ޖޯޑަން، އީރާން، ސެނެގާލް، ސޫދާން އަދި އިރާގުގެ ކުރުދިސްތާން ސަރަހައްދުގެ މީހުން ވެސް ވަނީ ހައްޖުގައި މަރުވެފަ އެވެ.