ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ބެލެންސް ގެއްލި، ދިވެހިންގެ މިނިވަންކަމާ ސިޔާދަތީ ބާރުތައް އެއް ދުވަހުން އަނެއް ދުވަހަށް މިދަނީ ގެއްލެމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ސަލީމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަށް މަޖިލީހުގައި ޖަވާބު ދެއްވަމުންނެވެ.
ސަލީމް ވިދާޅުވީ ގައުމެއްގެ މިނިވަންކަމާ ސިޔާދަތާ އަދި އެ ގައުމެއްގެ ޚާރިޖީ ސިޔާސަތާ ވަނީ ގުޅިލާމެހިފައި ކަމަށާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ބެލެންސް ގެއްލިފައިވާ ކަމަށެވެ.
"ގައުމެއްގެ މިނިވަންކަމާ ސިޔާދަތާ އަދި އެ ގައުމެއްގެ ޚާރިޖީ ސިޔާސަތާ ވަނީ ގުޅިލާމެހިފާ. ދިވެހި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ބެލެންސް ގެއްލި، ދިވެހިންގެ މިނިވަންކަމާ ސިޔާދަތީ ބާރުތައް އެއް ދުވަހުން އަނެއް ދުވަހަށް މިދަނީ ގެއްލެމުން. ރާއްޖޭގެ ސިޔާދަތީ ބާރުތައް އެއްކޮށް ގެއްލިއްޖެނަމަ، ދިވެހިރާއްޖެ އަޅުވެތިވެދާނެ. ދިވެހިންގެ މި ކަނޑުގައި ދިވެހި ކާބަފައިން ވާރުތަކޮށްދިން ބާރުވެރިކަން ދިވެހިންގެ އަތަކު މިއަދަކު ނެތް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ކަންކަމުގާ އިހުބަސް ވެސް އަދި ފަހުބަސް ވެސް ބުނަން ޖެހޭނީ ދިވެހިން ކަމަށާއި ދިވެހިންގެ ކަންކަމުގާ ގޮތް ނިންމަންވާނީ ދިވެހިން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
މި ދިވެހި ގައުމުގެ ކަންކަން ނިންމުމާ ބަސްބުނުމުގާ އެހެންބަޔަކު އިހުބަސްބުނުމަކީ ގައުމުގެ ސިޔާދަތު ގެއްލިފައިވާކަން ހާމަވާ، ބިރުވެރިކަމެއްކަން ވެސް ސަލީމް ފާހަގަކުރެއްވި އެވެ.
"ދިވެހި ކަނޑުތަކުގެ ވަތުބަތާނަ އެހެން ބަޔަކަށް ދެއްކުމަކީ އަމިއްލައަށް އޮރިޔާންވުންފަދަ ކަމެއް. ދިވެހި ގައުމުގެ މިނިވަންކަމަށް ނޭދެވޭ އަސަރުކުރާނެ އަދި، ދިވެހި ކަނޑުތަކުގެ މުއްސަނދިކަމާ މުޅިކަނޑުގެ ޚަޒާނާ ބޭރު ބަޔަކަށް ދިނުން. ރާއްޖޭގެ ހައިޑްރޮގްރަފީ ކުރަހަން ބޭރު ބަޔަކަށް ދިނުމަކީ، ގައުމިއްޔަތުގެ ވިންދުޖަހާ ހިތެއް އޮތް އެއްވެސް ދިވެއްސަކު އެއްބަސްވާނެ ކަމެއް ނޫން. ރާއްޖޭގެ ރަށްރަށާ ވިލުދޮޅިތަކާއި ގިރިފަރުތަކާއި ހާތަކާ ކަނޑުއޮޅިތަކުގެ ފުންމިނާ އެތަންތަނުގެ މަންޒަރުތަކުގާ ބޭރު ބަޔަކު ޖައްސާނެ ކުލައެއް ޖައްސާ، އެތަންތަން ޚަރާބުކޮށްލަން ދޫކޮށްލުމަކީ މި ގައުމު ދެކެ ލޯބިވާ ބަޔަކު ކުރާނެ ކަމެއް ނޫން،" ސަލީމް ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ، ރާއްޖެއާ ދިވެހީންގެ ސަލާމަތާ ރައްކާތެރިކަން ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ހިމާޔަތްކުރުންކަމުގައި ސަރުކާރުން ބުނިކަމުގައި ވިޔަސް، ބޭރުގެ އަސްކަރިއްޔާއަކުން ރާއްޖެ ހިފަން ގޮވާލި ބަޔަކު ސަރުކާރުގައި ތިބޭހާ ހިނދަކު ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރެވޭ ފަދަ އިޚުލާސްތެރިކަމެއް އޮންނާނެ ކަމަކަށް ދެކެވަޑައި ނުގަންވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.