ރާއްޖޭން ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓަކަށް ދިޔުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑު ކަމަށް ބުނެ ދުނިޔޭގެ އެންމެ އިތުބާރު ހިފޭ ކްރިޑިޓް ރޭޓިން އެޖެންސީ، ފިޗްއިން ރާއްޖޭގެ ރޭޓިން ދަށްކޮށްފި އެވެ.

ފާއިތުވި ދެ އަހަރު ރާއްޖޭގެ ރޭޓިންއެއްގެ ގޮތުގައި ފިޗުން ކަނޑައެޅީ "ބީ ނެގެޓިވް" އެވެ. މިއަހު ރޭޓިންއާއެކު ރާއްޖެއަކީ ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑު ގައުމެެއްގެ ގޮތުގައި ފިޗުން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު ފިިޗުން މިއަދު އާންމުކުރި ލިޔުމުގައި ބުނީ ރާއްޖެއަށް ދީފައިވާ "ބީ މައިނަސް"ގެ ރޭޓިން މިހާރު "ސީސީސީ ޕްލަސް"އަށް ދަށްކޮށްފައިވާ ކަމަށެވެ. އެ ރޭޓިންގެ މާނައަކީ ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިފަދަ ގައުމުތަކުން ފައިސާ ހޯދަން ވިއްކާ ބޮންޑުތަކުގެ އިންޓަރެސްޓް ރޭޓް ބޮޑުވެ އަދި މިފަދަ ބޮންޑުތަކަށް އިންވެސްޓް ކުރަން މީހުންގެ ޝައުގުވެރިކަން ކުޑަވެ އެވެ.

ރޭޓިން ދަށްކުރި މައިގަނޑު ސަބަބެއްގެ ގޮތުގައި ފިޗުން ފާހަގަކުރީ ރާއްޖޭގެ ދައުލަތުގެ ދަރަނި ބޮޑުވަމުން ދިޔުމާއި ބޭރުން ފައިނޭންސް ކުރުމަށް އޮތް ދަތިތަކާ ގުޅިގެންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ދަރަނީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހޭއިރު ބޭރުން ފައިސާ ހޯދާ މިންވަރު މާލީ އިސްލާހީ ފިޔަވަޅުތަކާ އެކު މި ސަރުކާރުން ކުޑަ ކުރާނެ ކަމަށް ބެލެވޭ ކަމަށް ފިޗުން ބުނެފައިވެ އެވެ.

ކުރިއަށް އޮތް އަހަރުގައި ވެސް ރާއްޖޭގެ ފޮރިން ރިޒާވަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް ފިޗުން ބުނެ އެވެ. އެގޮތުން, މިދިޔަ އަހަރުގެ މެއި މަހު 748 މިލިއަން ޑޮލަރު ހުރި ރިޒާވެއް މިއަހަރު 492 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން ފިޗުން ފާހަގަކުރެ އެވެ.

މިއަހަރު ސޮވްރިން ދަރަނީގެ ގޮތުގައި 233 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އަދި ގެރެންޓީ ދީފައިވާ 176 މިލިއަން ޑޮލަރު ވެސް ދައްކަން ޖެހޭ ކަމަށް ފިޗުން ނެރުނު ރޭޓިން ކޮމެންޓްރީގައި ބުނެފައިވެ އެވެ. އެ އަދަދު 2025 ގައި 557 މިލިއަން ޑޮލަރު އަދި 2026 ގައި އެއް ބިލިއަން ޑޮލަރަށް އަރާނެ އެވެ. އޭގެ ތެރޭގައި ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ބޮންޑެއް ވެސް ހިމެނެ އެވެ.

އެ ފައިސާ ހޯދުމަށް ދޭދޭ ގައުމުތަކާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކަށް ރާއްޖޭން ބަރޯސާވާން ޖެހޭއިރު މިވަގުތު އެސްޑީއެފްގައި ހުރީ ޑޮލަރުގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް ހުރި 54 މިލިއަން ޑޮލަރަކީ ކުޑަ އަދަދެއްކަން ފިޗުން ފާހަގަކުރެ އެވެ.

ފިޗުން ފާހަގަ ކުރި އަނެއް ކަމަކީ ދަރަނި އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރު ޖީޑީޕީގެ ނިސްބަތުން 109.4 ޕަސެންޓުގައި ހުރި ދަރަނި 2026 ގައި 117.6 ޕަސެންޓަށް އިތުރުވާނެ ކަމަށް ފިޗުން ވަނީ ލަފާކޮށްފަ އެވެ. މެދު ރާސްތާގައި އެ އަދަދު އިތުރަށް ބޮޑުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ރޭޓިން ދަށްކުރި ނަމަވެސް ފިޗުން ބުނީ ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ފިޔަވަޅު އަޅައި ހަރަދު ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ ދަރަނި ނުދެއްކިދާނެ ކަމުގެ ނުރައްކަލުން ރާއްޖެއަށް ސަލާމަތްވެވި ރާއްޖޭގެ މާލީ ހަލަތާއި ދަރަނީގެ ހާލަތު ދެމެހެއްޓެނިވި ގޮތަކަށް ބަދަލު ކުރެވިދާނެ ކަމަށެވެ.

ރާއްޖެއަށް ރޭޓިން ދޭ ދުނިޔޭގެ އެންމެ ބޮޑެތި ރޭޓިން އެޖެންސީތަކުގެ ތެރޭގައި ހިމެނެނީ ފިޗުގެ އިތުރުން މޫޑީޒް އެވެ. އެ ދެ އެޖެންސީން އަހަރަކު އެއް ފަހަރު ރޭޓިން މުރާޖައާކުރެ އެވެ.