ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ މުއްސަނދި ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެކެވެ. ރޮނާލްޑޯގެ މިލްކިއްޔާތުގައި މިހާރު ވެސް އަގުބޮޑު އެތައް މުދަލެއް ހުރިއިރު މިހާރު މިވަނީ އެއަށް އިތުރު ބޮޅެއް އިތުރުވެފަ އެވެ.

ރޮނާލްޑޯ އެންމެ ފަހުން މިވަނީ ދުބާއީގެ ރަށެއް ކަމަށްވާ ޖުމައިރާ ބޭ އިން އޭނާގެ ނަމުގައި 30 މިލިއަން ޑޮލަރުގެ އަގަކަށް ބިމެއް ގަނެފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ރޮނާލްޑޯ އެ ބިން ގަނެފައިވަނީ އެ ބިމުގައި އޭނާ ޗުއްޓީ ހޭދަކުރަން ފަސްތަރީގެ ފެންވަރުގެ ގެއެއް ބިނާ ކުރުމަށެވެ.

ޖުމެއިރާ ބޭއަކީ ފަތުރުވެރިންނަށް ކަމުދާނެ ފަދަ ހުރިހާ ހިދުމަތެއް ލިބެން ހުރި އާއްމުކޮށް "އަގުބޮޑު" ރަށެއްގެ ގޮތުގައި ބެލެވިފައިވާ ރަށެކެވެ.

ރޮނާލްޑޯ ދުބާއީއިން އާ ބިމެއް ގަނެފައިވާއިރު މިއަހަރު ކުރީކޮޅު ވެސް އޭނާ ވަނީ ހަމަ ދުބާއީގެ ސަރަހައްދަކުން ގެއެއް ގަނެފަ އެވެ. އެ ގެ އޭނާ ގަތީ "ބިލިއަނާސް އައިލެންޑް" އިންނެވެ.

ދުބާއީއަކީ ރޮނާލްޑޯގެ "ފޭވަރިޓް" މަންޒިލެއްގެ ގޮތުގައި ބެލެވޭއިރު ގަވާއިދުން ކޮންމެ އަހަރަކު ވެސް އޭނާ ދުބާއީއަށް ދަތުރުކުރެ އެވެ.

ޕޯޗުގަލްއަށް ނިސްބަތްވާ ރޮނާލްޑޯ ކްލަބް ފެންވަރުގައި މިހާރު ކުޅެމުން އަންނަނީ ސައުދީ އަރަބިއާގެ އަލް ނަސްރު އަށެވެ. މި ދުވަސްވަރު އޭނާ ފެންނަނީ ޔޫރޯ 2024ގައި ޕޯޗުގަލްގެ ގައުމީ ޓީމުންނެވެ.