ދުނިޔޭގެ އެންމެ ހަރުކަށި އެންޓި ވޭޕިން ގާނޫނު އޮސްޓްރޭލިއާގައި ތައާރަފްކުރުމާ އެކު ފާމަސީތަކަށް ނިކޮޓިން އެކުލެވޭ ވޭޕް ވިއްކުން ލިމިޓްކުރަން ނިންމައިފި އެވެ.
ހޯމަ ދުވަހުން ފެށިގެން ވޭޕް ގަތުމަށް ފާމަސީއަށް ޑޮކްޓަރުގެ ޕްރިސްކްރިޕްޝަން ހުށަހަޅަން ޖެހޭނެ ކަމަށާއި ލިބޭނީ ތިން ފްލެވާ ކަމަށް އެ ގައުމުން ނިންމާފައިވެ އެވެ.
ގިނަ ގައުމުތަކަކުން ޑިސްޕޯސަބަލް ވޭޕް މަނާކުރި ނަމަވެސް އޮސްޓްރޭލިއާއިން މިވަނީ ފިހާރަތަކާއި ސާވިސް ސްޓޭޝަންތަކާއި އެހެނިހެން ކުދި ރީޓެއިލަރުންނަށް ވޭޕް ވިއްކުން މަނާކޮށްފަ އެވެ.
އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ މިފިޔަވަޅުގެ ސަބަބުން ވޭޕްގެ ތަފާތު ބްރޭންޑްތަކާއި އެކި ރަހަތައް ލިބުން ނިމުމަކަށް އަންނާނެ ކަމަށާއި އޭގެ ސަބަބުން ކުޑަކުދިންނާއި ޒުވާނުން ނިކޮޓިންއަށް ދެވިހިފުން މަދު ކުރެވޭނެ ކަމަށެވެ.
މި ގާނޫނު އޮތް ނަމަވެސް އޮސްޓްރޭލިއާގައި އަމިއްލަ ބޭނުންތަކަށް ވޭޕް ގެންގުޅުމަކީ ޖިނާއީ ކުށަކަށް ނުވެ އެވެ. ނަމަވެސް ވިޔަފާރީގެ ގޮތުން ވޭޕް އެތެރެކޮށް ވިއްކުމަކީ ބޮޑެތި ޖޫރިމަނާތަކެއް ކުރާނެ ކަމެއް ކަމަށް އެގައުމުގެ އިދާރާތަކުން ބުނެ އެވެ.
ދުނިޔޭގައި ދުންފަތުގެ އެންމެ ބޮޑު ޓެކްސް ނަގާ އޮސްޓްރޭލިއާގައި އާ ގާނޫނުތަކުގެ ސަބަބުން ސިނގިރޭޓް ފަދައިން ވޭޕްގެ ކަޅު ބާޒާރެއް އުފެދޭނެ ކަމުގެ ބިރު ވެސް އެބައޮތް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
މިހާރު ވެސް އޮސްޓްރޭލިއާގައި 20 ސިނގިރޭޓުގެ ފޮއްޓެއްގެ އަގަކީ ގާތްގަނޑަކަށް 35 އޮސްޓްރޭލިއަން ޑޮލަރު (23 ޑޮލަރު) އެވެ. އަދި ސެޕްޓެމްބަރު މަހު ދުންފަތުގެ ޓެކްސް އިތުރު 5 އިންސައްތަ އިތުރުވުމުން ޚަރަދު ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
ސިނގިރޭޓުގެ އަގު ބޮޑުވި ނަމަވެސް، ޒުވާން ވޭޕަރުން ވޭޕް ނުލިބެން ފެށުމުން އެމީހުންގެ ނިކޮޓިން ފިކްސް ކުރުމަށް ސިނގިރޭޓު ބޭނުން ކުރުމުގެ ފުރުސަތު ބޮޑުކަމަށް ގިނަ ބަޔަކު ބުނެ އެވެ.
އެހެން ގައުމުތަކުގައި ވެސް ޒުވާނުން ވޭޕް ބޭނުން ކުރުން އިތުރުވަމުން އަންނަ އިރު، އެކި ގައުމުތަކުން އަންނަނީ މިކަމުގައި ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ.
މިދިޔަ ޖޫން މަހު އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ދުންފަތް ނުހިމެނޭ އީ- ސިނގިރޭޓްގެ ބާވަތްތަކަށް ހުއްދަ ދިނުމާއި ގުޅިގެން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅު ޖަމާއަތްތަކުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
އެފްޑީއޭ އިން ވަނީ ޖަސްޓިސް ޑިޕާޓްމަންޓާ ގުޅިގެން އެމެރިކާގައި ގަވައިދާ ހިލާފަށް އީ- ސިނގިރޭޓް ވިއްކާ ޑިސްޓްރިބިއުޓްކުރާ މިންވަރު ދެނެގަތުމަށް ޓާސްކް ފޯހެއް އުފައްދައިފަ އެވެ.