މަޝްހޫރު ޔޫޓިއުބް ވްލޮގާ ޚާލިދު އަލް އަމޭރީ އާއި އޭނާގެ އަންހެނުން ސަލާމާ މުހައްމަދުގެ ކައިވެނި ނިމުމަކަށް އައިސްފައިވާކަން އިއުލާން ކޮށްފި އެވެ.

މީގެ ދެ ދުވަހެއް ކުރިން ސަލާމާ ދިން އިންޓަވިއުއެއްގައި އެކަމާ ބެހޭ ގޮތުން ސުވާލު ކުރެވުމުން އޭނާ ވަނީ އެ ދެމަފިރިން ވަރިވެފައިވާކަން ޔަގީން ކޮށްދީފަ އެވެ.

ސަލާމާ ބުނީ ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނާއަކީ މިނިވަނެއް ކަމަށާއި އަމިއްލަ ނަފްސަށް ވަގުތު ދޭން މިހާރު ފުރުސަތު ލިބިފައިވާ ކަމަށެވެ. ޚާލިދުއާއެކު ކާމިޔާބު ޔޫޓިއުބް ޗެނަލްއެއް ހިންގުމުގެ އިތުރުން ވެސް ސަލާމާއަކީ އޭނާގެ އަމިއްލަ ސްކިންކެއާ ބްރޭންޑެއް ގެންގުޅޭ ވިޔަފާރިވެރިއެކެވެ.

"އެއްވެސް މީހަކަށް ބަރޯސާ ނުވެ އަމިއްލަ ފައި މައްޗަށް ތެދުވުމަކީ ބުނެދޭން ނޭނގޭ ކަހަލަ އިހުސާސްތަކެއް ކުރެވޭ ކަމެއް،" ސަލާމާ ބުންޏެވެ.

ސަލާމާ އޭނާގެ ކައިވެނި ރޫޅުނުކަން ޔަގީން ކޮށްދީފައި މިވަނީ ޚާލިދު އެހެން އަންހެނަކާ ކައިވެނި ކުރަން އުޅޭ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ. އެއީ ތަމަޅަ އެކްޓަރު ސުނައިނާ އެވެ.

ޚާލިދާއި ސަލާމާގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު އެ އާއިލާ އެކުގައި ޚާލިދުގެ ވީޑިއޯތަކުން ވަރަށް ގިނައިން ފެނެ އެވެ. ސަލާމާއަކީ އޭނާގެ ޗެނަލްގެ ކާމިޔާބީގައި ވަރަށް ބޮޑު ހިއްސާއެއް އަދާކުރި ފަރާތެކެވެ.