މިއަދު ކުރިޔަށް ދިޔަ އިނގިރޭސި ވިލާތުގެ އާންމު އިންތިޚާބުގައި ބޮޑު ތަފާތަކުން ކޮންޒަވެޓިވް ބަލިކޮށް ލޭބަ ޕާޓީ ކުރި ހޯދައިފި ކަމަށް އެގްޒިޓް ޕޯލުން ދައްކައިފި އެވެ.

އިނގިރޭސި ވިލާތުގެ މައިގަނޑު ނޫސްތަކުން ނެގި އެގްޒިޓް ޕޯލުން ދައްކާ ގޮތުގައި ލޭބަ ޕާޓީއަށް 410 ގޮނޑި ކާމިޔާބު ކުރެވޭނެ އެވެ. މިހާރު ވެރިކަމުގައި އޮތް ރިޝީ ސުނާކުގެ ކޮންޒަވެޓިވް ޕާޓީއަށް ލިބޭނީ 131 ގޮނޑި އެވެ. ބާކީ ހުރި ޕާޓީ ތަކަށް ގޮނޑިތައް ބެހިފައިވާ ގޮތަކީ، ލިބެރަލް ޑިމޮކްރެޓިކްސްއަށް 61 ގޮނޑި ،ސްކޮޓިޝް ނެޝަނަލް ޕާޓީ އަށް 10، ރިފޯމް ޔޫކޭ އަށް 13، ގްރީންސް ޕާޓީއަށް ދެ ގޮނޑި އެވެ.

މާޒީއަށް ބަލާއިރު ޔޫކޭގެ އެގްޒިޓް ޕޯލަކީ ވަރަަށް ބަރާބަރަށް ދިމާވާ ޕޯލެކެވެ. އެހެން ކަމުން މި ނަތީޖާއަށް މާބޮޑު ބަދަލުތަކެެއް ނާންނާނެ އެވެ.

އިނގިރޭސި ވިލާތުގެ އާންމު އިންތިޚާބު މި ބޭއްވީ އެގައުމުގެ ވެރިކަމުގައި ކޮންޒާވެޓިވެ ޕާޓީގެ ވެރިކަމަށް ގިނަ ބަޔަކު ނުރުހިފައިވާ ވަގުތެއްގަ އެވެ. ފާއިތުވި 14 އަހަރު އެޕާޓީން ކުރަމުން އައި ވެރިކަމަށް ނިމުން މި އަންނަނީ ލޭބަ ޕާޓީގެ ލީޑަ ސަ ކިއާ ސްޓޭމާގެ މާ ބޮޑު މަގުބޫލުކަމަކުން ނޫނެވެ. އެއާ ޚިލާފަށް ކޮންޒާވޭޓިވް ޕާޓީ މަތިން ރައްޔިތުން ފޫހިވުމުގެ ސަބަބުންނެވެ.

ޕޯލުުގެ ނަތީޖާ ދިމާ ވެއްޖެނަމަ މިފަހަރުގެ އިލެކްޝަނުގެ ނަތީޖާ އަކީ، އެޕާޓީގެ ތާރީޚުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ބައްޔެވެ. މިހާތަނަށް އެޕާޓީ އަށް އެންމެ މަދުން ވޯޓު ލިބުނީ 156 ވޯޓުން 1906 ވަނަ އަހަރު އެވެ.