ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯކްޑިވްސް (އެފްއޭއެމް) އިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަށް 39،108 ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މިއީ އެފްއޭއެމް އިން ވިލިމާލެ ފުޓްބޯޅަ ދަނޑުން ކުނި ނެގުމަށް ވެމްކޯއާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލު ކޮށްފައިނުވާތީ ވެމްކޯއިން އެފްއޭއެމްއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލައިގެ ލިޔެކިޔުންތައް އެފްއޭއެމްއަށް ފޮނުވި ނަމަވެސް ދައުވާއަށް ޖަވާބު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި އެފްއޭއެމްގެ ފަރާތުން ޖަވާބު ދީފައެއް ނުވެ އެވެ.

މައްސަލަ ހުށަހަޅަމުން ވެމްކޯއިން ބުނެފައިވަނީ ވިލިމާލެ ފުޓްބޯޅަ ދަނޑުން ކުނި ނެގުމަށް ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް ކުނި ނެގުމަށްފަހު ފޮނުވި ބިލްތަކަށް އެފްއޭއެމް އިން ފައިސާ ދައްކާފައި ނުވާ ކަމަށެވެ. ވެމްކޯއިން އެދިފައިވަނީ އެ ފައިސާ އެއްފަހަރާ ނަގައި ދިނުމަށާއި ވީ އެންމެ އަވަހަކަށް މައްސަލަ ނިންމާ ދިނުމަށެވެ.

މިކަމާ ގުޅިގެން އަންނަ ބުދަ ދުވަހުގެ 2:00 ގެ ކުރިން ފައިސާ ދައްކައި ހަލާސް ކުރުމަށް އެފްއޭއެމްގެ މައްޗަށް އަންގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.