ސަރުކާރުން މިހާރު އުޅެނީ ކައުންސިލްތަކުގެ ބަޖެޓާ ކުޅެން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލިޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

"ކުރީ ސަރުކާރު"ގެ ނަމުގައި އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ވިދާޅުވީ ލޯކަލް ގަވާމެންޓްގެ މިނިސްޓްރީއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވީ ކައުންސިލްތަކުގެ ބެޖެޓާ ކުޅުމުގެ ބޭނުމުގައި ކަމަށެވެ.

ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަކީ ކައުންސިލްތައް އޮބެހެއްޓުން ކަމަށެވެ. ބޭނުމަކީ ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ލިބޭ ފައިސާ ސަރުކާރަށް ނެގުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ސާފުވެގެންދިޔަ ސަރުކާރުން ކައުންސިލްތައް އޮބަހައްޓައި، ނަގަހައްޓައި ކުޑަކުރަން އުޅެނީ، ސައިޒު ކުޑަކުރަން އުޅެނީ ކީއްވެގެންކަން. އެބޭފުޅުންގެ ހުށަހެޅުމަކަށް މި އައީ ކައުންސިލުތަކުގެ ސައިޒު ކުޑަކޮށްލާ ވާހަކަ. ކައުންސިލްތަކަށް ގްރާންޓުތަކުގެ ގޮތުގައި މި ލިބޭ ފައިސާއަށް ސަރުކާރަށް އެކްސެސް ނޯންނާތީ،" ނާޒިލް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ސަރުކާރުން ބަދަލު ގެންނަން އުޅެނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލަން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

އޭނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ބޮޑު ބަދަލެއް ގެންނަން އެމްޑީޕީން ތާއީދު ނުކުރާނެ ކަމަށެވެ.