އެމެރިކާއަށް ނިސްބަތްވާ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ނޯވަވެކްސް އިން މީގެ ކުރިން އުފައްދަން ނިންމާފައިވާ ކޮވިޑް-19ގެ ވެކްސިންގެ އަދަދު ދެގުނަ އަށް އިތުރުކުރަން ނިންމައިފި ކަން އިއުލާނުކޮށްފި އެވެ.

އަންގާރަ ދުވަހު އެ ކުންފުނިން ބުނި ގޮތުގައި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއި އެކު ހަދާފައިވާ ޑީލްގެ ދަށުން އަހަރެއްގެ ތެރޭ ވެކްސިންގެ ދެ ބިލިއަން ޑޯޒް އުފައްދޭ ވަރަށް ކެޕޭސިޓީ އިތުރުކުރަން ވެސް މިހާރު ވަނީ ނިންމާފަ އެވެ.

އޮގަސްޓް މަހުގެ ތެރޭގައި ނޯވަވެކްސް އިން ސިރަމް އިންސްޓިޓިއުޓް އާއު އެކު ވެކްސިން އުފެއްދުމުގެ އެއްބަސްވުމެއް ހަދާފައިވާ އިރު އެއީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުންޏެކެވެ. އޭރު އެއްބަސްވެފައި ވަނީ ވެކްސިން ބޭނުންކުރުމަށް ހުއްދަ ލިބުމުން، ފުދުންތެރިކަން ދަށް ގައުމުތަކާއި މެދު ފަންތީގެ ގައުމުތަކުގެ އިތުރުން އިންޑިއާގައި ބޭނުން ކުރުމަށް އެއް ބިލިއަން ޑޯޒް އުފެއްދުމަށެވެ.

ނޯވާވެކްސްގެ ވެކްސިން މިހާރު އޮތީ ޓެސްޓް ކުުރުމުގެ ދެވަނަ މަރުހަލާގަ އެވެ. އަދި ތިން ވަނަ ކުއާޓަރުގައި ފަހު މަރުހަލާގެ ޓެސްޓްތައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. މި ވެކްސިންގެ ފުރަތަމަ ޓެސްޓްތަކުގައި ބައިވެރި މީހުންގެ ހަށިގަނޑުގައި ކޮރޯނާވައިރަހާއި ދެކޮޅަށް ގިނަ އަދަދެއްގެ އެންޓި ބޮޑީސް އުފެއްދި ކަމަށް ޑޭޓާ ތަކުން ދެއްކި އެވެ.-ބިޒްނަސް ޓުޑޭ