ޕީޕީއެމް އަދި ޕީއެންސީގެ ކޯލިޝަނުން އިއްޔެ ބޭއްވި މުޒާހަރާއާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި 30 މީހަކު އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވުމުން ޖޫރިމަނާކުރުމަށްފަހު ރޭ ދޫކޮށްލާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ފެއްޓެވި ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތައް އޭގެ ހައްގެވެރިންގެ އަތުން ނިގުޅައިގަނެފައިވާ ކަމަށް ބުނެ އިދިކޮޅުން އިއްޔެކުރި މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ކޯލިޝަނުގެ ބައެއް އިސްވެރިންނާއި އަދި އިތުރު ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.

މުޒާހަރާގައި ކޯލިޝަނުގެ ބައެއް އިސްވެރިން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު އާއި ޕީއެންސީގެ ކައުންސިލް މެމްބަރު އަހްމަދު ނަރީޝް ހިމެނިވަޑައިގަންނަވަ އެވެ.

އިއްޔެގެ މުޒާހަރާ ފެށުމުގެކުރިން ފުލުހުންނާއި ހޯމް މިނިސްޓްރީން ވަނީ މުޒާހަރާ ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ. އަދި މުޒާހަރަގެ ބައިވެރިން ހަވީރު 4:00 އަށް އެއްވުމުން ފުލުހުން ވަނީ މުޒާހަރާއަށް ހުރަސް އަޅާފަ އެވެ.

މީގެ އިތުރުން އިއްޔެގެ މުޒާހަރާގައި ބައެއް މީހުންނަށް ވަނީ އަނިޔާވެފަ އެވެ.