މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމާމެދު ދީނީ އިލްމުވެރިން ދޮކޮޅުހައްދަވައިފި އެވެ.

މާލޭގެ ކޮވްޑްގެ ހާލަތަށް ރިއާޔަތްކޮށް މިސްކިތްތަކުގައި ވަގުތީގޮތުން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމާމެދު އިސްލާމިކް މިނިސްޓްރީން ގޮތެއް ނިންމުމަށް ދީނީ އިލްމުވެރިންނާއި މަޝްވަރާކުރުމުން އިލްމުވެރިންވަނީ އެކަމާ ދެކޮޅުހަދާފަ އެވެ.

އިލްމުވެރިން ވިދާޅުވީ، މާލޭގައި އެހެނިހެން ކަންކަމުގައި އެއްވެ އުޅުމުގެ ހުއްދަ ދެވިފައިވުމުން، ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަކީ ކޮވެޑް ފެތުރުމަށް ހުރަސް އެޅޭނެކަމެއް ކަމުގައި ދެކި ނުލައްވާކަމަށެވެ.

އެޗްޕީއޭގެ ލަފާގެ މަތިން އިސްލާމިކް މިނިސްޓްރީއިން ދީނީ އިލްމުވެރިންނާއި މަޝްވަރާކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

މާލޭގެ އާންމު ދިރިއުޅުމުގެ އެހެނިހެން ކަންތައްތައް ހުރިގޮތުން، ޖަމާއަތުގައި ނަމާދުކުރުން މެދެކަނޑާލިޔަސް ބަލިފެތުރުން ހުއްޓުވުމުގެ މަގުސަދު ހާސިލްނުވާކަމަށް ބައެއް އިލްމުވެރިން ރޭގެ ބައްދަލުވުމުގައި ލަފާދެއްވާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުހައްމަދު އިޔާޒާ ހަވާލާދެއްވައި "މިހާރު"ން ރިޕޯޓްކޮށްފައި ވެއެވެ.

އިޔާޒު ވިދާޅުވީ، ކެފޭތަކާއި ރެސްޓޯރެންޓުތަކުގެ ހިދުމަށް ދެމުންދާއިރު އެތަންތަނަކީ މީހުން ގިނަވަގުތު ހޭދަކުރާ ތަންތަންކަމަށެވެ. އެހެންނަމަވެސް މިސްކިތުގައި މީހުން ހޭދަކުރަނީ މަދު ވަގުތުކޮޅެއްކަމަށް ޑރ. އިޔާޒް ވިދާޅުވި އެވެ. މިސަބަބާހެދި އެހެނިހެން ކަންކަމަށް ހުއްދަދެވިފައިވާހާ ހިނދަކު ޖަމާއަތުގައި ނަމާދުކުރުމަށް ދީނީ އިލްމުވެރިން ދެކޮޅުހައްދަވަ އެވެ.

"ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލައިފިނަމަ އާންމު ރައްޔިތުން އަޅުގަނޑުމެންނާ ސުވާލުކުރާނެ،" ޑރ. އިޔާޒް ވިދާޅުވި އެވެ.

ޑރ. އިޔާޒް ވިދާޅުވީ މާލޭގެ ދިރިއުޅުމުގެ ހާލަތުގެ ސަބަބުން މިސްކިތްތައް ބަންދުކުރިއަސް މިސްކިތަށް ނަމާދަށްދާ މީހުން އުޅޭނެކަމަށެވެ. ކޮވިޑްގެ ފުރަތަމަ ރާޅާއެކު މިސްކިތް ބަންދުކުރުމުންވެސް މިސްކިތަށް ނަމާދަށްދިޔަ މީހުން އުޅުނުކަމަށް އެބޭފުޅާ ވިދާޅުވި އެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް އިލްމުވެރިން އެއްބަސް ނުވިޔަސް، އެބޭފުޅުންވަނީ ބަދަލުގައި ކުރެވިދާނެ ކަންތައްތަކެއް ހުށަހަޅާފަ އެވެ.

އެއީ ބަންގިއަށްފަހު ސުންނަތް ނަމާދުކުރަން ވަގުތު ނުދީ ނަމާދުކުރަން ފެށުމާއި އަދި ވީހާވެސް ކުރުކޮށް ނަމާދުގައި ޤުރުއާން ކިޔެވުމެވެ. މީގެއިތުރުން މިސްކިތުގައި ހގިނަ ވަގުތު ހޭދަކުރުމުގެ ފުރުސަތު ނުދިނުމާއި އަދި ބަލޭގެ އެއްވެސް އަލާމާތެއް ހުރި މީހަކު މިސްކަތަށް ނައުމަށް ބާރުއެޅުން ހިމެނެ އެވެ.