މާލެ ސަރަހައްދުގެ ސްކޫލުތައް ގްރޭޑް 8 އާ ހަމައަށް ބަންދުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދެންމެ ނެރުނު އިއުލާނުގައި ބުނީ މާލޭގެ ސްކޫލްތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 8 އާ ހަމައަށް ކުރިއަށްއޮތް ދެ ހަފްތާއަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިގްރޭޑްތަކުގެ ދަރިވަރުންގެ ކިޔެވުން ދެން ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މާލޭގެ ކޮވިޑްގެ ހާލަތައް ރިއާޔަތްކޮށް އެޑިއުކޭޝަން މިނިސްޓްރީން އަޅަން ނިންމި މިފިޔަވަޅަކީ މިހާރު އެޅުފައިވާ ފިޔަވަޅުތަކުން ބަލި ކޮންޓްރޯލް ކުރެވޭކަމަށް ފާހަގަނުވާތީ، ބަލިފެތުރުން ކޮންޓްރޯލްކުރުމަށް އެހީވުމުގެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީ)ގެ އިރުޝާދުގެ މަތިން އަޅާ ފިޔަވަޅެއްކަމަށް މިނިސްޓްރީއިން ބުންޏެވެ.

ފަހަކަށް އައިސް މާލޭގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް ގިނަވެފައިވާއިރު ފާއިތުވެދިޔަ މަސްތަކާ އަޅާބަލާއިރު މަރުވި މީހުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. އޭގެ ސަބަބުން މާލެ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަކޮށްފައި ވީނަމަވެސް ބަލި ކޮންޓޯލްނުވެ ދަނީ އަވަހަށް ފެތުރެމުންނެވެ.