ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަރިކަނބަލުން ޝެއިހާ މަހްރާ ބިންތު މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ކައިވެނި ރޫޅާލަން ނިންމެވިކަން އިއުލާނުކޮށްފި އެވެ.
ޝެއިހާ މަހްރާ އާއި އެކަމަނާގެ ފިރިކަލުން ޝައިހް މަނާ ބިން މުހައްމަދު ބިން ރަޝީދު ބިން މަނާ އަލް މަކްތޫމްގެ ކައިވެނި ރޫޅާލަން ނިންމާފައިވާކަން އިއުުުލާނުކޮށްފައި ވަނީ އޭނާގެ އަމިއްލަ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއް މެދުވެރިކޮށެވެ.
އެ ޕޯސްޓެއްގައި ބުނެފައި ވަނީ އެކަމަނާގެ ފިރިކަލުންނާ ވަކިވެ ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށާއި އެކަން އިއުލާން ކުރައްވާ ކަމަށެވެ.
މަހްރާގެ ރަސްމީ އިންސްޓަގްރާމްގައި ހުރި ދެމަފިރިންގެ ފޮޓޯތައް ވެސް ވަނީ ޑިލީޓްކޮށްލައިފަ އެވެ. މީގެ އިތުރުން ދެމީހުން ވެސް ވަނީ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވެސް އަންފޮލޯކޮށްފަ އެވެ. އެހެން ނަމަވެސް އެއްވެސް ރަސްމީ ފަރާތްތަކުން މިކަން އަދި ކަށަވަރުކޮށެއް ނުދެ އެވެ.
ޝައިހާ މަހްރާ އާއި ޝައިހް މަނާ ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރު އެޕްރީލް މަހު ބޭއްވި ބޮޑު ހަފުލާއެއްގަ އެވެ. އެ ދެބޭފުޅުންގެ ދެ މަހުގެ ތުއްތު ކުއްޖެއް ވެސް އޮވެ އެވެ.