ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅުގެ މައްޗަށް އިއްޔެ އިމާމުވެ ކަށުނަމާދު ކުރީ އެކަމަނާގެ ލޯފަން، ގުރުއާން ހިތުދަސް ދަރިކަލެއް ކަމަށްވާ މޫސާ މުހައްމަދު ސޯލިހު (މޫސަބެ) އެވެ.
މުޅި ޅ. އަތޮޅަށް ވެސް މަޝްހޫރު އާއިލާއަކަށް ނިސްބަތްވާ ރައީސް ސޯލިހުގެ މަންމާފުޅު މޫމިނާ ހުސެއިންފުޅު އުމުރުން 80 އަހަރުގައި އަވަހާރަވި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ އެވެ. ކަށުނަމާދު އޮތީ އިއްޔެގެ މަޣްރިބު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. އެކަމަނާ ވަޅުފުޅުލާފައި ވަނީ ގަލޮޅު ސަހަރާގަ އެވެ.
ކަށުނަމާދުގައި މި ސަރުކާޒުގެ ވަޒީރުންގެ އިތުރުން ކުރީގެ ސަރުކާރުގެ އިސް ބޭފުޅުންނާއި އާއްމުންގެ ވަރަށް ގިނަ ބަޔަކު ބައިވެރިވި އެވެ.
އިސްލާމީ މަރުކަޒުގައި މިހާރު ކުރާ ނަމާދުތައް އާއްމު ގޮތެއްގައި އިމާމުވެ ކުރައްވަނީ މަރުކަޒުގެ އިސް އިމާމު ޝެއިޚް މުހައްމަދު ލަތީފް ކަމަށް ވިޔަސް މޫމިނާ ހަސަންފުޅުގެ މައްޗަށް ކަށުނަމާދު ކުރުމުގެ އިމާމުކަން ދީފައި ވަނީ، ހިންނަވަރު ބޮޑު މިސްކިތުގެ އިމާމުކަން ވެސް ކުރާ މޫސަބެ އަށެވެ. އިމާމުވެ ނަމާދުކުރާ ތަނުގައި މޫސަބެ ގިބްލައަށް ސީދާވާ ގޮތަށް ބަހައްޓާދީފައި ވަނީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދެވެ. ކަށުނަމާދުގައި ޝެއިޚް ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މޫސަބެ ވަނީ އިމާމު ކޯހާއި ގާރީ ކޯސް ވެސް ފުރިހަމަ ކޮށްފަ އެވެ.
މޫމިނާ ހަސަންފުޅުގެ 12 ބޭފުޅުންގެ ތެރޭގައި މޫސަބެގެ އިތުރުން ގުރުއާން ހިތުދަސް އިތުރު ދެ ބޭފުޅުން ވެސް ހިމެނެ އެވެ. އިސްލާމިކް ޔުނިވާސިޓީން މި ތިން ބޭފުޅުން ވެސް މިދިޔަ އަހަރު ގުރެޖުއޭޓްވެ ސަނަދު ހާސިލް ކުރީ އޭރުގެ ރައީސް އަދި ތިން ބެއިންގެ ބޭބެ ރައީސް ސޯލިހުގެ އަތްޕުޅުންނެވެ.
މުއުމިނާގެ ބޭފުޅުންގެ ތެރޭގައި ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ވަރަށް ގިނަ ރައީސުންގެ އަރިހުގައި ޕާސަނަލް ސެކްރެޓަރީކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި ފާތިމަތު މުހައްމަދު ސޯލިހު (ފާތޭ) ވެސް ހިމެނެ އެވެ.