ކަންގަނާއާ ދެކޮޅަށް ރިތިކް ހުށައަޅާފައިވާ މައްސަލާގައި އޭނާގެ ބަޔާން ނަގަން ފެބްރުވަރީ 26 ވަނަ ދުވަހު ފުލުހަށް ހާޒިރުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ކޮމިޝަނާގެ އޮފީހުގެ ކްރައިމް އިންޓެލިޖެންސް ޔުނިޓަށް ދިއުމަށް ރިތިކަށް ވަނީ އަންގާފަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ރިތިކް މައްސަލަ ހުށައަޅާފައި ވަނީ އޭނާގެ ނަމުގައި ފޭކް އައިޑީ އަކުން ކަންގަނާއަށް މެއިލް ފޮނުވަމުންދާކަމަށް ބުނެ އެވެ. އެހެން ނަމަވެސް ކަންގަނާ ބުނީ އެއީ ރިތިކް އަމިއްލައަށް އޭނާއަށް ދިން އީމެއިލް އެޑްރެހެކެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ދެ މީހުން ވާހަކަދައްކަމުން އައީވެސް އެ މެއިލްއިން ކަމަށް ކަންގަނާ ބުނެ އެވެ.

ރިތިކް އާއި ކަންގަނާ ވަނީ 2010 ވަނަ އަހަރު ނެރުނު ފިލްމު "ކައިޓްސް" ގައި އެކުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން 2013 ވަނަ އަހަރު "ކްރިޝް" ގައި ވެސް މި ދެތަރިން ވަނީ އެކުގައި މަސައްކަތްކޮށްފަ އެވެ. އެ ދުވަސްވަރު މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު ފެތުރުނެވެ. އަދި ރިތިކަށް ނިސްބަތްކޮށް ކަންގަނާ "މޮޔަ އެކްސް" އޭ ބުނުމުން އޭނާ ވަނީ ކަންގަނާއަށް ލީގަލް ނޯޓިސްއެއް ވެސް ފޮނުވާފަ އެވެ.

ރިތިކް ވަނީ އެ ދެމެދުގައި ގުޅުމެއްވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. މި މައްސަލައާ ގުޅިގެން 2016 ވަނަ އަހަރު ތަހުގީގީ ބޭނުމަށް ރިތިކްގެ ލެޕްޓޮޕާއި ފޯނު ވަނީ ސައިބާ ސެލްއަށް ގެންގޮސްފަ އެވެ.

ރިތިކްގެ ވަކީލު މަހޭޝް ޖެތްމަލާނީގެ އެދުމަކަށް 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު މި ކޭސް ވަނީ ކްރިމިނަލް އިންޓެލިޖެންސް ޔުނިޓަށް ބަދަލުކޮށްފަ އެވެ.