އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މަގާމުތަކުގައި ތިއްބަވަން މަކަރު ހައްދަވަމުން އަންނަ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ތުހުމަތު ކުރައްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބޭއްވި ހަ ދާއިރާއެއްގެ ބައި އިލެކްޝަންގައި އެމްޑީޕީ އަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން މޫސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ އިންތިހާބަކުން އެމްޑީޕީ ބަލިވީމަ، ކޮމިޓީއެއް ހަދައިގެން އިންތިހާބުން ބަލިވި ގޮތް ދިރާސާ ކުރުމަކީ އެމްޑީޕީގެ މިހާރުގެ ވެރިން މަގާމުގައި ދެމި ތިއްބަވަން ހަދާ މަކަރެއް ކަމަށެވެ.
މޫސަ ވިދާޅުވި ގޮތުގައި އިއްޔެ ބޭއްވި ބައި އިލެކްޝަންތަކުގެ ނަތީޖާ ވަރަށް ސާފެވެ. އަދި ޕާޓީގެ ވެރިން ކަންތައްތަކެއް ފޮރުވަން ވެގެން ބަޔަކު ރުއްސަން އުޅެނީ ކަމަށް ވެސް ރީކޯ މޫސަ ވިދާޅުވި އެވެ.
މޫސަ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ އިންތިހާބަކުން އެމްޑީޕީ ބަލިވަމުން އަންނަ ކަމަށެވެ. ވޯޓުލާން ނުކުންނަ މީހުންގެ އަދަދަށް ބަލާއިރު، ކުރިން ވޯޓަށް މީހުން ނެރެން އެމްޑީޕީ ކުރާ މަސައްކަތާ ގާތަށް ވެސް މިހާރު ނުކުރާ ކަމަށް މޫސަ ވިދާޅުވި އެވެ.
ރީކޯ މޫސަ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހުންނެވީ އަމިއްލަ އެޖެންޑާއެއްގައި މާ ދުރުގަ އެވެ. އެމްޑީޕީގެ މެމްބަރުން ޕާޓީގެ މުސްތަގުބަލާ ދޭތެރޭގައި ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީން ފަސް ދާއިރާއެއް ނަގައި، ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފަ އެވެ. ޕީއެންސީން ނެގީ ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާ އާއި ފ. ބިލެތްދޫ ރައީސްގެ ގޮނޑި އާއި ހުޅުމާލެ ދާއިރާ އާއި މައްޗަންގޮޅި މެދު އަދި ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި އެވެ. އަދި ރ. ރަސްމާދޫ އަންހެން މެމްބަރުގެ ގޮނޑި ވެސް ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓެވެ.
މާލެ ސިޓީ ކައުންސިލުން ޕީއެންސީން ނެގީ ހެންވޭރު ހުޅަނގު ދާއިރާ އަށް ފާތިމަތު ޝައުފާ ސަލީމް އާއި ހުޅުމާލެ ދާއިރާ އަށް އަލީ އައިމަން އާއި މައްޗަންގޮޅި މެދުދާއިރާ އަށް ފާތިމަތު އިޝާން އަލީ އެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް އަހުމަދެވެ. ބިލެއްދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ޕީއެންސީގެ އަރީހު އިސްމާއިލެވެ.
ހަ ދާއިރާއެއްގެ ބައި އިލެކްޝަންގައި 13،112 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އިރު، ވޯޓުލާން ނުކުތީ 3،528 މީހުންނެވެ. އެއީ %27 މީހުންނެވެ.