އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް އަތުން 2-1 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ޖެހިޖެހިގެން 20 ވަނަ މޮޅު ހޯދި ނަމަވެސް، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އަށް އެންމެ މުހިންމުވީ މެޗުން ލިބުނު ތިން ޕޮއިންޓެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ 30 ވަނަ މިނިޓުގައި އެ ޓީމުގެ ރުބެން ޑިއާސް ވަނީ ލަނޑު ޖަހައި، ސިޓީ އަށް ލީޑު ހޯދައިދީފަ އެވެ. އެކަމަަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސްޓް ހޭމްގެ މިކޭލް އެންޓޯނިއޯ ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ސިޓީން މެޗުން މޮޅުވީ މެޗުގެ 68 ވަނަ މިނިޓުގައި ޑިފެންޑަރު ޖޯން ސްޓޯންސް ޖެހި ލަނޑުންނެވެ.

ސިޓީން ޖެހިޖެހިގެން ހޯދި 20 ވަނަ މޮޅާއެކު، އެ ޓީމު ވަނީ ޕްރިމިއާ ލީގުގެ އެއްވަނައިގައި 13 ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ. ސިޓީން ވަނީ މިހާރު ބަލިނުވެ 27 މެޗު ހަމަކޮށްފަ އެވެ.

އެކަމަކު ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ވެސްޓް ހޭމް އަތުން ސިޓީ މޮޅުވީ "ނަސީބުވެސް އެހީވުމުން" ކަމަށެވެ. އަދި ތަފާސް ހިސާބުތައް އޭނާ ބަލާނީ ސީޒަން ނިމުމުން ކަމަށެވެ.

"އަހަރެމެންގެ ނަސީބު ރަނގަޅުކަމުން މި މެޗުން ތިން ޕޮއިންޓް ލިބުނީ. ވަރަށް އުނދަގޫ މެޗަކުން މި މޮޅުވީ. އަހަންނަށް މުހިންމީ ތިން ޕޮއިންޓް. ތަފާސް ހިސާބުތައް ބަލާނީ ސީޒަން ނިމުމުން،" ގާޑިއޯލާ ބުންޏެވެ.

ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮޔޭސް ބުނީ މި މެޗުގައި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި މެޗުން ޕޮއިންޓެއް ނުލިބުމަކީ ބޮޑު ދެރައެއް ކަމަށެވެ.