ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ނުގަންނަން ހައިކޯޓުގެ ރަޖިސްޓްރާ ނިންމަވައިފި އެވެ.

ހައިކޯޓުން ބުނީ އެ މައްސަލަ ބަލައި ނުގަތީ އިސްތިއުނާފު ކުރުމަށް އޮންނަ 48 ގަޑިއިރުގެ ފަހުން މައްސަލަ ހުށަހެޅުމުން ކަމަށެވެ.

ނަމަވެސް ރަޖިސްޓްރާގެ ނިންމުން އިސްތިއުނާފުކުރަން ދައުލަތަށް ހަތް ދުވަސް ލިބޭނެ އެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ ޖިންސީ ކުށުގެ ގިނަ ދައުވާތަކެއް އުފުލާފައި ވަނިކޮށް މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ކަމަށް ވިދާޅުވެ އެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމުގެ ކުރިން ކަމަށް ވަނީ ބެލެވިފަ އެވެ.

ޕީޖީ ޝަމީމް ވިދާޅުވެފައި ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމާ ގުޅޭގޮތުން އަޑުއެހުމެއް ބާއްވައި އަމުރު ނެރުނީ މި މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ އަމުރުގައި ތާރީޚެއް ކަމަށް ލިޔެފައި ވަނީ 10 ފެބުރުއަރީ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެ އަމުރުގައި އެފަދައިން އޮތަސް ނުވަ ވަނަ ދުވަހުގެ ރޭ އަލީ ވަހީދު ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފަ އެވެ.

ޝަމީމް ވިދާޅުވިގޮތުގައި އަލީ ވަހީދު ފުރުމުގެ ޒިންމާ ނަގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނު ލިޔުމުގައި އޮތީ ފެބުރުއަރީ ނުވަ ވަނަ ދުވަހު އަމުރު ނެރުނު ކަމަށެވެ.

އަލީ ވަހީދު ފުރައިގެން ދިޔުމުގައި ސަރުކާރުގެ އަތެއްވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދި އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހިމޭނުން ތިއްބަވާކަމީ އެފަދަ ތުހުމަތުތަކަށް ބާރު ލިބޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުއްވި ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ ބަލަމުންނެވެ.