ޖޯންސަން އެންޑް ޖޯންސަންސް އިން އުފެއްދި، އެންމެ ޑޯޒެއް ބޭނުންވާ ކޮރޯނާވައިރަހުގެ ވެކްސިން އެމެރިކާގައި ބޭނުންކުރުމުގެ ހުއްދަދީފި އެވެ.

މިއާއެކު އެމެރިކާގައި ވެކްސިން ދިނުމުގެ ކެޕްމެއިން ފުޅާވެ، އެތައް މިިލިއަން މީހުންނަށް ކުރިއަށް އޮތް ހަފްތާތަކުގައި ވެކްސިން ދޭނެ އެވެ.

މި ވެކްސިނަކީ މޮޑާނާއާއި ފައިޒާ ވެކްސިނަށް ފަހު އެމެރިކާގައި ބޭނުންކުރުމުގެ ހުއްދަ ދިން ފުރަތަމަ ވެކްސިނެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރެޝަން (އެފްޑީއޭ) އިން ބުނިގޮތުގައި 18 އަހަރުން މަތީގެ މީހުންނަށް ޖޭ އެންޑް ޖޭ ވެކްސިން ދިިނުމަށް އިމަޖެންސީ ހުއްދައެއް ވަނީ ދީފަ އެވެ. ވެކްސިންގެ ޝިޕްމެންޓްތައް ސައިޓްތަކަށް ގެންދިއުމުގެ މަސައްކަތް މިއަދާއި މާދަމާ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 44،000 މީހުން ބައިވެރިކޮށްގެން ޖޭ އެންޑް ޖޭ އިން ކުރިއަށް ގެންދިޔަ ޓެސްޓުތަކުން ދެއްކީ މި ވެކްސިނަކީ 66 އިންސައްތަ ކާމިޔާބު ވެކްސިނެއް ކަމަށެވެ. މީގެ އިތުރުން މި ވެކްސިން ޖެހުމުން ކޮރޯނާވައިރަހުގެ ސަބަބުން ހާލު ސީރިއަސްވެ އެދުމަތި ކުރަން ޖެހުމާއި މި ބަލީގައި މީހުން މަރުވާ މިންވަރު 100 އިންސައްތަ ދަށްވާ ކަމަށް ޓެސްޓްތަކުން ދައްކަ އެވެ.

މި ވެކްސިނަކީ އާދައިގެ ރެފްރިޖަރޭޓަރުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކުރެވޭ ވެކްސިނަކަށް ވުމުން މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި ބޭނުންކުރާނެ ވެކްސިނެއް ކަމަށް ލަފާކުރެވެ އެވެ.