މާލެ ސަރަހައްދުގައި ކުންޏާއި މުދާ އުފުލުމަށް ރޭގަނޑަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

"މާލެފަހި" މަޝްރޫޢުގެ ދަށުން މާލޭގައި ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްވަނީ މުހިންމު ގިނަ ބަދަލުތަކެއް ގެނައުމަށް ނިންމަވާފަ އެވެ.

މިގޮތުން މާލެ ސަރަހައްދުގައި މުދާ އުފުލާ ވަކި ގަޑިތަކެއް ނެތުމުގެ ސަބަބުން ސްކޫލް އަދި އޮފީސްތަކަށް މީހުންދާ ގަޑިތަކުގައި މަގުތައް ބަންދުވެ ގިނަ ފަރާތްތަކަކަށް އޭގެ ތަކުލީފުތައް ކުރިމަތިވެ އެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނައުމަށް ގިނަ މަޝްވަރާތަކަކަށްފަހު ސަރުކާރުން ނިންމަވާފައިވަނީ ވަކި ސައިޒަކަށްވުރެ ބޮޑެތި ވެހިކަލްތައް ބޭނުންކޮށްގެން މުދާ އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައަޅާ ގޮތަށެވެ.

އެގޮތުން ކަނޑައެޅޭ ވަކި ސައިޒެއްގެ އުޅަނދުތައް ބޭނުންކޮށްގެން މުދާ އުފުލުން ރޭގަނޑު 8 އިން ފަތިހު 5 އަށް ބަދަލުކުރުމަށްވަނީ ނިންމާފަ އެވެ. މީގެ ސަބަބުން މަގުމަތީގެ ތޮއްޖެހުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ.

ބާޒާރުމަތީ ފިހާރައަކަށް ޕިކަޕަކުން ބިސް ކޭސްތަކެއް ބާލަނީ. ފޮޓޯ: ހުރިހާ

މުދާ އުފުލާ ގަޑިތައް އެންމެ ފަހުން ރޭގަނޑަށް ބަދަލުކުރީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އެ ނިންމުން ބަދަލުކުރި އެވެ.

މީގެއިތުރުން މަގުތަކުގެ ތޮއްޖެހުން އެންމެ ބޮޑުވާ އެއް ސަބަބަކީ އިރުއޮއްސުމަށްފަހު މާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ނެގުމަށް ވެމްކޯގެ ބޮޑެތި ވެހިކަލްތައް މަޑުކުރަންޖެހުމުންކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެހެންކަމުން މިކަމަށް ހައްލެއް ގެނައުމަށް މާލެ ސަރަހައްދުގައި ކުނި ނަގާ އުސޫލަށް ބަދަލު ގެނެސް ކޮންމެ ރެއެއްގެ 10 އަކުން ފަތިހު 5 އަށް ބަދަލުކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފަ އެވެ.

މާލެފަހި ޕްރޮގްރާމްގެ ދަށުން މި ދެ މަސައްކަތްވެސް އޯގަސްޓް މަހުގެ ފުރަތަމަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފަ އެވެ. އަދި މި ދެ ބަދަލުވެސް ކުރިއަށްއޮތް ހަ މަސްތެރޭގައި އެއްކޮށް ތަންފީޒުކުރުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ހާމަކުރެ އެވެ.