އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުނުކުރާ ތަންތަން ރަތް ނޯޓިސް ދިނުމަށްފަހު ރަނގަޅު ނުކޮށްފިނަމަ މީގެ ފަހުން 24 ގަޑިއިރަށް ބަންދުކުރަން ނިންމައިފި އެވެ.
އެޗްޕީއޭއިން މިރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ މާސް އިންސްޕެކްޝަނުގައި އަމަލުކުރަމުންދާ އުސޫލަށް ގެނެވުނު ބަދަލާއެކު ރަތް ނޯޓިސްއަށް ފަހު ދެން ކުރާނީ 24 ގަޑި އިރަށް ބަންދު ކަމަށެވެ.
"ތިންވަނަ މަރުހަލާގަ ޖޫރިމަނާ ކުރުމުގެ ބަދަލުގަ އެފަދަ ފަރާތްތައް، ގައިޑްލައިނާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަށް އަޅުގަނޑުމެން 24 ގަޑި އިރަށް ބަނދުކުރާގޮތަށް މިހާރު ހަމަޖެހިފަ މިވަނީ،" ނާސިރު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެޗްޕީއޭ ގުޅިގެން މިހާރު ކުރިއަށް ގެނދާ އިންސްޕެކްޝަނުގައި ފިހާރަ، ކެފޭ، ރެސްޓޯރެންޓް، މާރުކޭޓް، ޖިމް އަދި ފިޓްނެސް ސެންޓަރުތަކުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރޭތޯ ދަނީ ބަލަމުންނެވެ.
މި އިންސްޕެކްޝަނުގައި ހިދުމަތްދޭ ތަންތަނުގެ ތެރޭގައި ގައިދުރުކަން ބަހައްޓާތޯއާއި، ހޭންޑް ސެނެޓާއިޒާ ނުވަތަ އަތް ދޮންނާނެ ނިޒާމް ގާއިމުކުރެވިފައިވޭތޯ އާއި، އަދި ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހިދުމަތްދޭ ތަންތަނުގެ ތެރޭގައި ފެންނަން ހުންނާނެހެން ހަރުކުރެވިފައިވޭތޯ ބަލަ އެވެ. މީގެ އިތުރުން، ފިހާރަތަކުގެ ތެރޭގައި ގައިދުރުކަން ހިފެހެއްޓޭނެހެން ކަސްޓަމަރުން މަޑުކުރާނެ ފްލޯ މާކް ހަރުކޮށްފައި ހުރުމާއި އަދި އެތަނަކަށް އެއްފަހަރާ ވަދެވޭނެ މީހުންގެ އަދަދު ހަރުކުރެވިފައި ހުރިތޯ ބަލާނެ އެވެ.
ފިޔަވަހިތަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މި އިންސްޕެކްޝަނުގައި ގައިޑްލައިނާ އެއްގޮތަށް ތަނުގެ ކަންތައްތައް ނެތްނަމަ އެންމެ ފުރަތަމަ ދެވޭނީ ނަސޭހަތްތެރި ވުމުގެ ގޮތުން ދެވޭ ހުދު ނޯޓިސް އެކެވެ. އަދި 24 ގަޑިއިރު ފަހުން ކުރެވޭ ދެވަނަ އިސްޕެކްޝަނުގައި އެކަންތައްތައް ރަނގަޅުކުރެވިފައި ނުވާނަމަ ދެވޭނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރެއްގެގޮތުން ދެވޭ ރަތް ނޯޓިސް އެކެވެ. އެއަށްފަހު ދެން 24 ގަޑިއިރުގެ ފަހުން ކުރެވޭ ތިންވަނަ އިންސްޕެކްޝަނުގައި ކަންތައްތައް ރަނގަޅުކުރެވިފައި ނުވާނަމަ 24 ގަޑިއިރަށް އެތަނެއް ބަންދުކުރަން ވަނީ ނިންމާފަ އެވެ.
ކުރިން އަމަލު ކުރަމުން ދިޔަ އުސޫލުގެދަށުން ތިންވަނަ މަރުހަލާގައި ހަމަޖެހިފައި އޮތީ ޖޫރިމަނާކުރާ ގޮތަށެވެ.
މީގެ އިތުރުން ނާސިރު ވިދާޅުވީ ކުރީގެ އުސޫލާ ހިލާފަށް އާ އުސޫލުގެ ދަށުން ހިދުމަތް ދޭ ތަނެއްގައި މީހަކު މާސްކް ނާޅާ ހުރެއްޖެނަމަ އެތަނަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ދެން ފިޔަވަޅު އަޅާނީ އެ ފަރުދަކަށް ކަމަށެވެ.